Last Updated: July 22, 12:00
Wednesday, July 22, 2026
ޚަބަރު

ފުލުހުންގެ އިދާރީ ހިންގުމުގެ އޮނިގަނޑަށް ބަދަލުތަކެއް

ފުލުހުންގެ ޚިދުމަތުގެ އިދާރީ ހިންގުން މިހާރަށް ވުރެ ހަރުދަނާކޮށް، މަސައްކަތުގެ ފެންވަރު މަތިކުރުމަށްޓަކައި މުއައްސަސާގެ އޮނިގަނޑަށް ބަދަލުތަކެއް ގެނެސްފި އެވެ.

ފުލުހުންގެ ހިދުމަތުން ބުނީ އެ ބަދަލުތައް ގެނައީ މިއަދުން ފެށިގެންކަމަށެވެ.

މި ބަދަލުތަކަކީ ފުލުހުންގެ ހިދުމަތް ދިނުމުގައި މިހާރަށްވުރެ ފުރިހަމަ ނަތީޖާއެއް ހާސިލުކޮށް، މަސައްކަތުގެ ފެންވަރު މަތި ކުރުމުގެ މަގުސަދުގައި ގެނެވޭ ބަދަލުތަކެއް ކަމަށް ބުންޏެވެ. މި ބަދަލުތަކާ ގުޅިގެން، އައު އޮނިގަނޑާ އެއްގޮތްވާ ގޮތުގެ މަތިން މަގާމުތަކަށް އޮފިސަރުން އައްޔަންކުރުމުގެ މަސައްކަތާއި، ހިންގުމުގެ ސިޔާސަތުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސް، އައު އޮނިގަނޑު ތަންފީޒުކުރުމުގެ އަމަލީ މަސައްކަތްތައް މިހާރު އަންނަނީ ކުރަމުންނެވެ.

އާ އޮނިގަނޑުގެ ދަށުން ފުލުހުންގެ ހިދުމަތްތަކާއި، ތަހުގީގުގެ ދާއިރާއާއި، އިންޓެލިޖެންސް، ފޮރެންސިކް، އޮޕަރޭޝަނަލް ސަޕޯޓް، ޓެކްނޮލޮޖީ، ޓްރޭނިންގ އަދި ކޯޕަރޭޓް ސަޕޯޓް ފަދަ މަސައްކަތްތައް ވަނީ ކޮމާންޑްތަކެއްގެ ދަށުން ތަރުތީބުކުރެވިފަ އެވެ.

މި އޮނިގަނޑުގައި ކޮމާންޑް ލެވެލްގައި ހިމެނޭ ބައިތަކަކީ:

* އޮފީސް އޮފް ދަ ކޮމިޝަނާ
* ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް
* ޕްރޮފެޝަނަލް ސްޓެންޑަރޑްސް
* ނޭޝަނަލް އިންޓެލިޖެންސް ސަރވިސް
* އިންޓަރނަލް ސެކިއުރިޓީ އެންޑް އޮޕަރޭޝަނަލް ސަޕޯޓް
* ފޮރެންސިކް ސަރވިސަސް
* ސެންޓްރަލް އިންވެސްޓިގޭޝަންސް
* މާލޭ ޕޮލިސް
* ހުޅުމާލޭ ޕޮލިސް
* ނޮދަން ޕޮލިސް
* ސަދަން ޕޮލިސް
* ސާވިސް ޑިވެލޮޕްމަންޓް
* ސާވިސް ސަޕޯޓް
* ޑިޖިޓަލް ޑޭޓާ އެންޑް ޓެކްނޮލޮޖީ

މި އޮނިގަނޑު ފަރުމާކޮށްފައި ވަނީ ތަފާތު ދާއިރާތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް، އޮޕަރޭޝަނަލް ހިންގުން ހަރުދަނާކުރުމާއެކު، ރައްޔިތުންނާ ގާތުން ޚިދުމަތް ފޯރުކޮށްދޭ ފުލުހުންގެ ނިޒާމެއް ގާއިމުކުރުމަށް ފުލުހުންގެ މުއައްސަސާ އިން ބުންޏެވެ. މީގެ އިތުރުން، ޚިދުމަތް ދިނުމުގެ އިސް ސަފުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ދައުރު ފުޅާކުރުމާއި، ރާއްޖޭގެ އަމަންއަމާންކަމާއި ރައްކާތެރިކަމުގެ މާހައުލަށް އަންނަ ބަދަލުތަކަށް ރިއާޔަތްކޮށް، ވަސީލަތްތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުން ކަށަވަރުކުރުމަކީ މި ބަދަލުގެ މައިގަނޑު މަގުސަދެކެވެ.