ދިވެހިރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ، އެމްޑީޕީގެ ޗެއާޕާސަން ހޮވުމުގެ ފޯރި ގަދަވެފައިވާ މި ދަނޑިވަޅުގައި، މި އިންތިޚާބުގައި ވާދަކުރައްވާ މީކާއިލް ނަސީމް ކުރީގެ ރައީސް މުޙައްމަދު ނަޝީދާ ގުޅޭގޮތުން ދެއްކެވި ވާހަކަފުޅުތަކަށް ސިޔާސީ މަސްރަހުގެ ބޮޑު ސަމާލުކަމެއް ވަނީ ހުއްޓިފައެވެ. މީކާއިލް އެ ދުވަހު ފާހަގަކުރެއްވި ކަންކަމަކީ ހަގީގަތް އެކުލެވޭ، ވަރަށް ސާފު ތެދު ވާހަކަފުޅުތަކެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.
"އަޅުގަނޑުމެންނަށް ކަށަވަރުވާ ގޮތުގައި، ރައީސް ނަޝީދު މި ޕާޓީން އެކަހެރިކުރުމަށްޓަކައި ވަރަށް ބޮޑަށް ރޭވިގެން، އިންތިޒާމުވެގެން ހަރަކާތްތަކެއް ދަނީ ހިންގަމުންނެވެ. މިކަމުގެ އަސްލު މަގުސަދަކީ އެމްޑީޕީއަކީ ވަކި ބައެއްގެ މުށުތެރޭގައި އޮންނަ، ވަކި ބަޔަކަށް މާލީ މަންފާ ހޯދައިދޭ ސިޔާސީ މެޝިނަކަށް ބަދަލުކުރުމެވެ. މިއީ ހަމައެކަނި ދައްކާ ވާހަކައެއް ނޫނެވެ. އަދި ހީއެއްގެ މައްޗަށް ބިނާކޮށް ބުނާ ބަހެއްވެސް ނޫނެވެ. މިއީ ފެންނަން އޮތް ހަގީގަތްތަކާއި ހެކިތަކުގެ މައްޗަށް ބިނާކޮށް އަޅުގަނޑުމެން ފާހަގަކުރާ ކަންބޮޑުވުމެކެވެ." މީކާއިލް ނަސީމް

'ދަ ޑިމޮކްރެޓްސް' އުފައްދަވައި، ރައީސް ނަޝީދު އެމްޑީޕީއާ ދުރަށް ވަޑައިގަންނަވަން ޖެހިވަޑައިގެންނެވި އަސްލު ސަބަބަކީ މިއީކަން މީކާއިލްގެ މި ވާހަކަތަކުން ވަރަށް ސާފުވެއެވެ. ނަމަވެސް، މިހާރު ހާލަތު ބަދަލުވެ، ރައީސް ނަޝީދު ވަނީ އެމްޑީޕީގެ އާންމު މެންބަރުންގެ ކިބައިން މައާފަށް އެދިވަޑައިގެންފައެވެ. އަދި އެ މެންބަރުންވެސް އެމަނިކުފާނުގެ ކިބައިން މައާފަށް އެދެންޖެހޭނެ ކަމަށް ވަނީ ވިދާޅުވެފައެވެ. މި ދަނޑިވަޅުގައި، ރައީސް ނަޝީދު އެމްޑީޕީގެ ޗެއާޕާސަން ކަމަށް ކުރިމަތިލައްވައިގެން އުޅުއްވާތީ، މީކާއިލްގެ ވާހަކަ މިވަނީ ބަދަލުވެފައެވެ. އޭނާ މިހާރު ވިދާޅުވަނީ ރައީސް ނަޝީދުގެ ކިބައިން އެމްޑީޕީގެ މެންބަރުން މައާފަށް އެދެން ނުޖެހޭނެ ކަމަށެވެ.
ސިޔާސީ ބޭފުޅުންގެ ހަގީގީ ސޫރަ ގިނަފަހަރު ހާމަވަނީ އެ ބޭފުޅުންގެ މެދުގައި އޮންނަ ވާދަވެރި އިންތިހާބުތަކުގެ ތެރޭގައެވެ. ދިވެހި ރައްޔިތުންނަށް މިފަދަ ކަންކަން ސާފުކޮށް ފެންނަން އޮންނައިރުވެސް، ވަކި ބަޔަކު ޕާޓީގެ އިސް މަގާމުތަކަށް ގެނައުމަށްޓަކައި ބަޔަކު މިހާ ބޮޑަށް ގުރުބާންވަނީ ކީއްވެގެން ހެއްޔެވެ؟ މި ސުވާލުގެ ޖަވާބު މީކާއިލް ކުރިން ދެއްވި ބަޔާނުގައި އެވަނީއެވެ. އެއީ ރައީސް ނަޝީދު ބާކީކޮށް، އެމްޑީޕީއަކީ ވަކި ބައެއްގެ މާލީ މަންފާއަށްޓަކައި ބޭނުންކުރާ ސިޔާސީ ވަސީލަތަކަށް ހަދަން ބޭނުންވާތީއެވެ. މި މައްސަލައިގައި އޮތް ހަގީގަތަކީ، ރައީސް ނަޝީދުގެ ޒައާމަތެއްގައި އެފަދަ ކަންކަމަށް ފުރުސަތު ނޯންނާނެ ކަމެވެ.
ރާއްޖޭގެ ބައެއް ފަރާތްތަކުން އެމަނިކުފާނުގެ އަގުވައްޓާލުމަށް ދީނީ ހަތިޔާރު ބޭނުންކޮށްގެން ދޮގު ޕްރޮޕެގެންޑާވެސް ފަތުރައެވެ. ނަމަވެސް، ބައިނަލްއަގުވާމީ މުޖުތަމައުން އެމަނިކުފާނު ބަލައިގަންނަނީ ދުނިޔޭގެ ފެންވަރުގެ ގާބިލް ލީޑަރެއްގެ ގޮތުގައެވެ.

ކޮމަންވެލްތް ޔޫނިއަންގެ ބްލޮކްޗެއިން ނެޓްވޯކުގެ އެޑްވައިޒަރީ ބޯޑު މެންބަރުކަމާއި، ކްލައިމެޓް ވުލްނަރެބަލް ފޯރަމްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު ފަދަ ޝަރަފުވެރި މަގާމުތަކަކީ މީގެ ކުރިން ދިވެއްސަކަށް ލިބިފައިނުވާ ފަދަ މަތީ ދަރަޖައިގެ ފުރުސަތުތަކެކެވެ.
ރާއްޖެއަށް ބޭނުންވަނީ ހަލުވި ތަރައްގީއާއި ދުރުވިސްނޭ ލީޑަރެކެވެ. ރައީސް ނަޝީދު އެމްޑީޕީގެ ސިޔާސީ ހަރަކާތްތަކުގެ ކުރީ ސަފަށް އެނބުރި ވަޑައިގަތުމާއެކު، ޕާޓީ ތެރޭގައި މިހާރު ވަނީ އަސްލު ރޫހާއި ޖޯޝު އުފެދިފައެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެމްޑީޕީގެ ރަންރީދޫ ދިދަތައް އާ ހިތްވަރަކާއެކު ވިހުރެން ފަށައިފިއެވެ. ދެހާސް އަށާވީސް ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީއަށް ކާމިޔާބީ ހޯދައިދީ، ޕާޓީގެ އަސްލު އުސޫލުތައް ހިމާޔަތްކުރުމަށްޓަކައި، ރައީސް މުޙައްމަދު ނަޝީދު ޗެއާޕާސަންގެ މަގާމަށް ހޮވުމަކީ ޕާޓީގެ މުސްތަގުބަލަށްޓަކައި ނިންމަންޖެހޭ އެންމެ މުހިންމު އެއް ނިންމުމެވެ