އިންޑިއާގެ ދަށުގައި އޮންނަ ލަކްޝަދީޕްގެ ޓޫރިޒަމް ކުރިއެރުވުމުގެ ގޮތުން އެ ޖަޒީރާގެ ރަށްތަކަށްދާ މީހުން އުފުލަން ސީޕްލޭންގެ ހިދުމަތް ފަށަން ތައްޔާރުވާން ފަށައިފި އެވެ.
މިކަމުގެ ތައްޔާރީތަކުގެ ދަށުން މިދިޔަ މަހުގެ 13 ވަނަ ދުވަހު ވަނީ ޓެސްޓް ދަތުރެއް ވެސް ބާއްވައިފަ އެވެ. އެ ދަތުރުކޮށްފައި ވަނީ ޑީއެޗްސީ6-400 ޓްވިން އޮޓާގެ ބޯޓެއްގަ އެވެ.
އިންޑިއާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ލަކްޝަދީޕްގެ ޓޫރިޒަމް ކުރިއަރުވަން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ލަކްޝަދީޕަށް ފަށަން ތައްޔާރީތައްވަމުން އަންނަ ސީޕްލޭން ދަތުރުތައް ބާއްވާނީ ކޮޗީ އިން ލަކްޝަދީޕްގެ ހަ ރަށަކަށެވެ.
އޭގެ ތެރޭގައި ހިމެނެނީ މަލިކު، ކަވަރައްޓީ، ކަލްޕެނީ، ކިލްތާން، ކަޑްމަޓް އަދި އަގައްޓީ އެވެ.
މި ރަށްތަކަށް ސީޕްލޭން ފެށުމުގެ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ވަމުން އަންނަ އިރު، ރަސްމީކޮށް ދަތުރުތައް ފަށާނެ ތާރީހެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.
މިކަން ކުރިއަށް ދަނީ އިންޑިއާގެ އެންވަޔަރަމަންޓް މިނިސްޓްރީގެ ދަށުންނެވެ.
އިންޑިއާ ސަރުކާރުން ވަނީ ލަކްޝަދީޕްގެ ހަ ރަށަކަށް ފަށާ ސީޕްލޭން ދަތުރުތަކުގެ ސަބަބުން އެތަނަށް ޒިޔާރަތްކުރާ ޓޫރިސްޓުންގެ އަދަދު އަހަރެއްގެ ތެރޭގައި 8،000 އިތުރުވާނެ ކަމަށް އަންދާޒާ ވެސް ކޮށްފަ އެވެ. އަދި މި ހިދުމަތް އިންޑިއާގެ މީޑިއާތަކުން ސިފަކޮށްފައި ވަނީ ރާއްޖޭގެ ރިސޯޓްތަކަށް ޓޫރިސްޓުން އުފުލަން ދެމުން އަންނަ މަގުބޫލު ސީޕްލޭން ފަދަ ހިދުމަތަކާ އެވެ.
ފާހަގަކޮށްލެވޭ ކަމަކީ ލަކްޝަދީޕްގެ ޓޫރިޒަމް ޕްރޮމޯޓް ކުރުމުގެ ހާއްސަ މަސައްކަތަކެއް އިންޑިއާ އިން ފެށީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ވަރަށް ކުރީކޮޅު ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރުންތަކެއް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ ލަކްޝަދީޕްގައި ނަންގަވާފައިވާ ފޮޓޯތަކަކަަށް ހުތުރު ބަހުން ކުޑައިމީސްކޮށް ކުރި ފުރައްސާރަތަކާ ގުޅިގެންކަމެވެ.
އެ ދުވަސްވަރު ސޯޝަލް މީޑިއާގައި ރާއްޖެ ބޮއިކޮޓް ކުރަން ގޮވާލައި، ލަކްޝަދީޕް ޕްރޮމޯޓް ކުރަން އިންޑިއާ މީހުން ވަރަށް ގަދައަށް މަސައްކަތްކޮށްފައިވެ އެވެ.
ރާއްޖެ، މުޅި ދުނިޔޭގައި ވެސް މަޝްހޫރު އަދި އެހާމެ މަގުބޫލު މަންޒިލެއްގެ ގޮތުގައި އޮތް އިރު، ރާއްޖެ އަށް މިހާރު އެންމެ ގިނައިން ޓޫރިސްޓުން އަންނަ 10 ގައުމުގެ ތެރެއިން އެއް ގައުމަކީ އިންޑިއާ އެވެ. އެ ގައުމު މިހާރު ހަ ވަނައިގައި އޮތް އިރު، އަހަރުގެ މިހާތަނަށް އިންޑިއާ އިން 50،700 އަށް ވުރެ ޓޫރިސްޓުން ރާއްޖެ ޒިޔާރަތްކޮށްފައިވެ އެވެ.