Last Updated: July 23, 09:36
Thursday, July 23, 2026
ޚަބަރު

ސޮޑާ ހޮވުމަކީ އެންމެ ބުއްދިވެރި ގޮތް: ސިނާނު

ސޮޑާގެ ކެމްޕޭންގައި ސިނާނު ހަރަކާތްތެރި ވަނީ.

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ހުސްވެފައިވާ ގޮނޑި އަށް ހޮވުން އެންމެ ބުއްދަވެރީ ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް އަހުމަދު ސައީދު (ސޮޑާ) ކަމަށް ގޮނޑި ގެއްލުނު މެންބަރު މުހައްމަދު ސިނާނު ވިދާޅުވެއްޖެ އެވެ.

ސޯޝަލް މީޑިއާ ޕޯސްޓެއްގައި އޭނަ ވިދާޅުވީ ސަރުކާރު ޖަވާބުދާރީ ކުރުވުމަށް މަޖިލިސް މެންބަރުން އިންތިހާބުކުރި ޒަމާން ފާއިތުވެ ހިނގައްޖެ ކަމަށެވެ. އަދި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ފެންނަމުން އަންނަނީ ރާއްޖޭގައި މީގެ ކުރިން ދުވަހަކު ވެސް ނުދެކޭ ވަރަށް ރައީސާއި ވަޒީރުން ގަވާއިދުން ނޫސްވެރިންނާ ބައްދަލު ކުރައްވައި، ރައްޔިތުންގެ ސުވާލުތަކަށް ސީދާ ޖަވާބުދާރީވެވަޑައިގަންނަވާ ތަން ކަމަށް ވިދާޅުވި އެވެ.

އެހެންވެ ހިތަދޫ އުތުރު ދާއިރާއަށާއި މުޅި އައްޑޫ ސިޓީ އަށް ބޭނުން ވަނީ ސަރުކާރާ ގުޅިގެން ތަރައްޤީގެ މަޝްރޫޢުތައް ހަލުވިކަމާއެކު ކުރިއަށް ގެންދެވޭނެ ތަޞައްވުރެއް ހުރި މެންބަރެއް ކަމަށް ދަރަނީގެ މައްސަލައެއްގައި ގޮނޑި ގެއްލުނު މެންބަރު ވިދާޅުވި އެވެ.

"އެހެންކަމުން ސޮޑާ އިންތިޚާބު ކުރުމަކީ އަޅުގަނޑުމެންނަށް އޮތް އެންމެ ބުއްދިވެރި ގޮތް ކަމުގައި އަޅުގަނޑު ދެކެން." ސިނާނު ވިދާޅުވި އެވެ.

ހިތަދޫ އުތުރު ދާއިރާ އަށް މެންބަރަކު ހޮވަން ބާއްވާ ބައި-އިލެކްޝަން އޮންނާނީ އަންނަ ހޮނިހިރު ދުވަހު އެވެ.

އުތުރު ދާއިރާގެ ގޮނޑި އަށް ވާދަކުރައްވަނީ ސޮޑާގެ އިތުރުން އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ އައްޑޫގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) އެވެ.