ބޮލީވުޑްގެ ތަރި، އާމިރު ޚާންގެ ފިލްމު 'ލަގާން' ރިލީޒްކުރިތާ މި މަހު 25 އަހަރު ފުރޭތީ އެކަން ފާހަގަކުރަން ކުރިއަށް ގެންދާ ހަރަކާތުގެ ތެރެއިން ފިލްމުގެ ޕޯސްޓަރު ޑިޒައިން ކުރުމުގެ ޗެލެންޖަކަށް ހުޅުވާލައިފި އެވެ.
މިކަން މިއަދު އިއުލާންކުރީ ފިލްމުގެ ޑަައިރެކްޓަރު އަޝުތޯޝް ގޮވަރިކާ އެވެ. އާމިރުގެ ކުންފުނީގެ ސޯޝަލް މީޑިއާ ފްލެޓްފޯމްތަކުގައި އާންމުކުރި ވީޑިއޯ މެސެޖެއްގައި ކުޅަދާނަ ޑައިރެކްޓަރު ބުނީ ލަގާންގެ ޕޯސްޓަރު އާ ގޮތަކަށް ޑިޒައިންކޮށްލައިގެން ހޮވޭ ޕޯސްޓަރު ހުށަހެޅި ފަރާތަށް، ފިލްމުގެ ހާއްސަ ސްކްރީނިންއެއްގައި ބައިވެރިވާން ދައުވަތު ދޭނެ ކަމަށެވެ. އެ ސްކްރީނިންގައި ފިލްމުގެ ކާސްޓާއި ކްރޫ ބައިވެރިވާނެ އެވެ.
'ލަގާން' ރިލީޒްކުރިތާ 25 އަހަރު ފުރޭނީ މި މަހުގެ 15 އަށެވެ.
ދެހާސް އެކެއްގައި ރިލީޒްކުރި އެ ފިލްމަކީ އިނގިރޭސީންގެ އަޅުވެތިކަމުގެ ދަށުގައި އޮތް ދުވަސްވަރު އިންޑިއާ މީހުންގެ އަތުން ނަގަމުން ދިޔަ ޓެކްސް މައާފުކޮށް ދޭން އިނގިރޭސިންނަށް ޖެހުނު ހާދިސާއެއް ދައްކުވައިދިން ވަރަށް ކާމިޔާބު ފިލްމެކެވެ. އިނގިރޭސިންނަށް ޓެކްސް މައާފުކޮށް ދޭން މަޖުބޫރު ވަނީ ރަށްފުށުގެ ބަޔަކާ އެކީ ކުޅޭ ކްރިކެޓް މުބާރާތަކުން ބަލިވުމުންނެވެ.
ފިލްމުގެ ޓެގް ލައިނަކީ 'ވަންސް އަޕޮން އަ ޓައިމް އިން އިންޑިއާ' އެވެ.
އަޝުތޯޝް ބުނީ 'ލަގާން' ރިލީޒްކުރި ދުވަސްވަރު ފިލްމުގެ ރަސްމީ ތިން ޕޯސްޓަރެއް ނެރުނު ނަމަވެސް ފިލްމުގެ ވާހަކައާ ކްރިކެޓާ އެއްވެސް ގުޅުމެއް އޮތްކަމުގެ އިޝާރާތެއް ދީފައި ނުވާނެ ކަމަށެވެ. އަދި ފިލްމު ރިލީޒްކުރުމުން ކްރިކެޓަށް މަރުދޭ އިންޑިއާގައި، އެކަންވީ ވަރަށް ބޮޑު ސަޕްރައިޒަކަށް ކަމަށް އޭނަ ބުންޏެވެ.
އެހެންވެ 25 އަހަރު ފަހުން ފިލްމުގެ އާ ޕޯސްޓަރު ޑިޒައިން ކުރުމުގެ ޗެލެންޖަކަށް ހުޅުވައިލަނީ ކުރެހުންތެރިންނާއި ޕޯސްޓަރު ޑިޒައިންކުރާ މީހުންނަށް އެ މީހުން ބޭނުންވާ ގޮތަކަށް އެކަން ކުރަން ފުރުސަތު ދެމުން ކަމަށް ބުންޏެވެ.
ޕޯސްޓަރު ހުށަހަޅަން ޖެހެނީ މި މަހުގެ 10 ގެ ކުރިންނެވެ. އެގޮތުން ޑިޒައިންކުރާ ޕޯސްޓަރު އީމެއިލުން ފޮނުވުމުގެ އިތުރަށް އާމިރު ޚާން ޕްރޮޑަކްޝަން ޓެގްކޮށް ވެސް ހުށަހެޅޭނެ އެވެ. ނަމަވެސް މި ޕޯސްޓަރު ޗެލެންޖަށް އޭއައި ބޭނުންކޮށްގެން ތައްޔާރު ކުރާ ޕޯސްޓަރުތައް ބަލައެއް ނުގަންނާނެ އެވެ.
'ލަގާން' އަކީ އާމިރުގެ ކެރިއަރުގެ އެންމެ ކާމިޔާބު އެއް ފިލްމެކެވެ. އަދި މި ފިލްމަކީ 2002 ގެ އޮސްކާ އެވޯޑްސް އަށް ފޮނުވައިގެން އެންމެ މޮޅު ބޭރު ފީޗާ ފިލްމު ކެޓަގަރީ އަށް ނޮމިނޭޓް ވެސް ވި ފިލްމެކެވެ.
'ލަގާން' އަކީ 1957 ގެ 'މަދާ އިންޑިއާ' އަށް ފަހު އޮސްކާގެ ބޭރު ފިލްމު ކެޓަގަރީ އަށް ނޮމިނޭޓްވި ހަމައެކަނި އިންޑިއާގެ ފިލްމު ވެސް މެ އެވެ.