Last Updated: July 21, 18:02
Tuesday, July 21, 2026
ޚަބަރު

"މާލެ ޓެކްސީ" އެޕް މިހާރު ބޭނުން ކުރެވޭނެ

މާލޭ ޓެކްސީ ލައިނަށް ހާއްސަކޮށްގެން ތައްުޔާރުކުރި "މާލެ ޓެކްސީ" އެޕް މެދުވެރިކޮށް ވެސް ހިދުމަތް ދޭން ފަށައިފި އެވެ.

ޓެކްސީ ލައިންގެ ހިދުމަތް ތައާރަފުކުރީ އެޕްރީލް 2 ގަ އެވެ.

އެ ޚިދުމަތް ފެށީ ޓެކްސީ ބުކް ކުރުމުގެ އިންތިޒާމު ވެބް އެޕްލިކޭޝަނެއް މެދުވެރިކޮށް ހޯދޭ ގޮތަށެވެ. ނަމަވެސް، ޚިދުމަތުގެ ފެންވަރު މަތިކުރުމުގެ ގޮތުން މިހާރު ވަނީ "މާލެ ޓެކްސީ"ގެ ނަމުގައި ފަރުމާކޮށްފައިވާ މޯބައިލް އެޕްލިކޭޝަނެއް ތަޢާރަފުކޮށްފަ އެވެ. މި އެޕްލިކޭޝަން މެދުވެރިކޮށް ފަސޭހަކަމާއެކު ދަތުރުތަކަށް ހޯދުމުގެ އިތުރުން، ދުރާލާ ދަތުރުތައް ތާވަލު ކުރުމުގެ ފުރުޞަތު ވެސް ލިބިގެންދާނެ އެވެ.

ޓެކްސީ ލައިންގެ ހިދުމަތް ދެމުން އަންނަ އެމްޓީސީސީން ބުނީ ދަތުރުތައް ކުރިއާލާ ތާވަލުކުރެވޭނީ އެ ދަތުރެއް ފެށުމުގެ މަދުވެގެން 3 ގަޑިއިރު ކުރިން ކަމަށެވެ. އެޕް މެދުވެރިކޮށް ދަތުރުތަކަށް ފައިސާ ވެސް ދެއްކޭނެ އެވެ. އެގޮތުން އެޕްލިކޭޝަންގައިވާ "ވޮލެޓް" އަށް ފައިސާ ޖަމާކޮށްގެންނާއި، ބޭންކް ގޭޓްވޭ މެދުވެރިކޮށް ކާޑުން ފައިސާ ދެއްކުމުގެ އިތުރުން، "ސްކޭން އެންޑް ޕޭ" ގެ ޚިދުމަތްވެސް ބޭނުން ކުރެވޭނެ އެވެ. އަދި ކޮށްފައިވާ ދަތުރުތަކާއި ތާވަލުކޮށްފައިވާ ދަތުރުތަކުގެ ތަފްޞީލު ވެސް ފެންނަން ހުންނާނެ އެވެ.

މީގެ އިތުރުން ކަސްޓަމަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަން ދިނުމުގެ ގޮތުން، ކުއްލި ޙާލަތްތަކުގައި ބޭނުން ކުރެވޭނެ "އިމަޖެންސީ ފީޗާ" ވެސް މި އެޕްގައި ހިމެނެ އެވެ. އަދި އެޕްލި މެދުވެރިކޮށް ޑްރައިވަރަށް ގުޅުމާއި މެސެޖުކުރުމުގެ ފުރުޞަތު ވެސް އޮންނާނެ އެވެ. ޓެކްސީ ތެރޭގައި އެއްޗެއް ބޭއްވިފައިވާ ނަމަ، އެޕްމެދުވެރިކޮށް އެކަން ރިޕޯޓްކުރުމުގެ އިންތިޒާމު ލިބޭނެ އެވެ.

އެމްޓީސީސީން ބުނީ ޕްލިކޭޝަން ތަޢާރަފުކުރި ނަމަވެސް، ކުރިއެކޭ ވެސް ވެބްސައިޓް މެދުވެރިކޮށާއި "މާލެ ޓެކްސީ" ގެ ހޮޓްލައިން ނަންބަރު 1655 އަށް ގުޅައިގެން ވެސް ޓެކްސީ ބުކް ކުރެވޭނެ ކަމަށެވެ.