Last Updated: July 22, 11:11
Wednesday, July 22, 2026
ޚަބަރު

މާޅޮހު އާ ޕޮލިސް ސްޓޭޝަން ހުޅުވައިފި

ބ. މާޅޮހު އާ ޕޮލިސް ސްޓޭޝަން ހުޅުވައިފި އެވެ.

އެތަން މިއަދު ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވީ ހޯމްލޭންޑް މިނިސްޓަރު ޢަލީ އިހުސާނާއި ޕޮލިސް ކޮމިޝަނަރު އަޙުމަދު މުޙައްމަދެވެ.

އެ ރަސްމިއްޔާތުގައި، ޑެޕިއުޓީ ކޮމިޝަނަރު ފަރުހާދު ފިކުރީއާއި، މާޅޮހު ކައުންސިލުގެ ރައީސް މުޙައްމަދު ޠާރިޤް ޢަބްދުއްރައްޒާގު އާއި، ފުލުހުންގެ އެގްޒެކެޓިވް ބައެއް އޮފިސަރުންނާއި މާޅޮހު ކައުންސިލު މެމްބަރުންނާއި ރައްޔިތުން ވެސް ބައިވެރިވި އެވެ.

މާޅޮހު ޕޮލިސް ސްޓޭޝަންގެ ބިންގާ އަޅައި މަސައްކަތް ފެށީ މިދިޔަ އަހަރުގެ އޮގަސްޓް 14 ގަ އެވެ. އެތަން އިމާރާތްކުރީ އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ.

ޕޮލިސް ސްޓޭޝަން ހުޅުވުމުގެ ރަސްމިއްޔާތަށް ފަހު، އެތަނުގެ ގޯތިތެރޭގައި ގަސްއިންދުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފައިވެ އެވެ.

މާޅޮހުގައި ފުލުހުން ގާއިމުވެ ހިދުމަތް ދޭން ފެށީ ޖެނުއަރީ 27، 2024 ގަ އެވެ.