Last Updated: July 21, 18:02
Tuesday, July 21, 2026
ޚަބަރު

ހިމަބިހި ޖެހުނު މީހުންގެ އަދަދު 11 އަށް

ރާއްޖެ އިން ހިމަބިހި ޖެހުނު މީހުންގެ އަަދަދު 11 އަށް އަރައިފި އެވެ.

މި ބައްޔަކީ ރާއްޖެއިން ނައްތާލެވިފައިވާ ކަމަށް 2017 ގައި ކަނޑައަޅާފައިވާ ބައްޔެކެވެ. ހިމަބަހީގެ އާ ކޭސްތަކެއް ރާއްޖެ އިން ފެެންނަން ފެށީ މިދިޔަ މަހުން ފެށިގެންނެވެ. އެގޮތުން ބަލި ޖެހުނު މީހުންގެ އަދަދު މިހާރު 11 އަށް އަރާފައިވާ އިރު،، ބަލީގެ ގިނަ ކޭސްތައް ފެނުނީ މާލެ ސަރަހައްދުންނެވެ.

ބަލީގެ ކޭސްތައް ފެނުމާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އާ ގުޅިގެން ރާއްޖޭގެ ހުރިހާ ހޮސްޕިޓަލްތަކެއްގައި އަންނަނީ ހިމަބިހިން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް ވެސް އަޅަމުންނެވެ. އެގޮތުން ހިމަބިހި ކަމަށް ޝައްކު ކުރެވޭ ނަމަ ހޮސްޕިޓަލުގެ ވަކި ޑެސްކެއް މެދުވެރިކޮށް ޚިދުމަތް ލިބޭނެ މަގުވަނީ ފަހިކޮށް ދީފަ އެވެ.

އެޗްޕީއޭ އިން ބުނީ އެންމެ ފަހުން ރިޕޯޓްކުރި ދެ ކޭހާ ގުޅިގެން ކޮންޓެކްޓްރޭސިންގެ މަސައްކަތްތަކާއި ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މިގޮތުން ބައްޔަށް ޕޮޒިޓިވްވި މީހުންނާއި ކޮންޓެކްޓްވި މީހުންގެ އަދަދު 152 އަށް އަރާފައިވާ ކަމަށް ވެސް އެތަނުން ބުންޏެވެ.

ހިމަބިއްސަކީ، ވަރަށް ފަސޭހައިން ގައިންގަޔަށް އަރާ ބައްޔެކެވެ.

އެޗްޕީއޭ އިން މިހާރު އޮތީ ހިމަބިހީގެ ދެ ޑޯޒް ފުރިހަމަނުކުރާ މީހުންނަށް ވެކްސިން ދޭން ވެސް ނިންމައިފަ އެވެ.