އީސާގެފާނު ޔަހޫދީއަކާ އެކު ދަތުރުކުރެއްވި ކަމަށް ރިވާވެގެންވެއެވެ. ދަތުރުމަތީގެ ކާނާގެ ގޮތުގައި އަތުގައި އޮތީ ތިން ރޮއްޓެވެ. ފަރިއްކުޅުއްވަން އުޅުއްވުމުގެ ތެރޭގައި އެތަނުން އެއް ރޮށި މަދުކަން އީސާގެފާނަށް ފާހަގަކުރެއްވިގެން، ތިންވަނަ ރޮށި ކޮބައިތޯ އެ ޔަހޫދީ މީހާއާ ސުވާލު ކުރެއްވިއެވެ. އެ މީހާ ޖަވާބުގައި ބުންޏެވެ. މާތްﷲ ގަންދީ ބުނަމެވެ. އޮތީ ހަމައެކަނި ދެ ރޮއްޓެވެ.
އީސާގެފާނު އެކަމާ ބެހޭ ގޮތުން އިތުރު އެއްޗެއް ވިދާޅުނުވެ، ކުރިއަށް ދަތުރުކުރެއްވި އެވެ. އެގޮތުން ދަތުރު ކުރައްވަނިކޮށް ލޯފަން މީހަކާ ބައްދަލުވިއެވެ. އީސާގެފާނު އެމީހާގެ ލޮލުގައި އަތްޕުޅު ބީއްސަވައި، މާތް ﷲ ގެ ހަޟްރަތުގައި ދުޢާދެންނެވުމުން، އެކަލާނގެ ކުޅަދުންވަންތަކަމާއެކު އެމީހާގެ ލޮލުގެ ފެނުން އިޢާދަވިއެވެ. މި މުޢުޖިޒާތް ފެނިފައި އެ ޔަހޫދީ މީހާ ކަންބޮޑުވެ، "سبحان الله" އޭ ބުނެ ހައިރާންކަން ފާޅުކުރިއެވެ.
އެހިނދު، މި ލޯފަން މީހާއަށް ޝިފާދެއްވައި ފެނުން އިޢާދަކޮށްދެއްވި ކަލާނގެ ގަންދީ، ތިންވަނަ ރޮއްޓަށްވީ ކިހިނެއްތޯ އީސާގެފާނު އަނެއްކާ ވެސް އެމީހާއާ ސުވާލު ކުރެއްވިއެވެ. ނަމަވެސް، އެމީހާ ހަމަ ކުރިން ވެސް ބުނި ފަދައިން، މާތްﷲ ގަންދީ ބުނީ އޮތީ އެންމެ ދެ ފާރޮށި ކަމަށެވެ. އީސާގެފާނު އެކަމާ ބެހޭ ގޮތުން އެއްވެސް އެއްޗެއް ވިދާޅުނުވެ، އެމީހާއާއެކު ދަތުރު ކުރިއަށް ގެންދަވަނިކޮށް، ބޮޑު ކޯރެއްގެ ކައިރިއަށް ދެވުނެވެ.
ދެން އެ ޔަހޫދީ މީހާ ޢީސާގެފާނާ ސުވާލު ކުރިއެވެ. "އަހަރެމެން މި ކޯރުން ހުރަސްކުރާނީ ކިހިނެއް ހެއްޔެވެ؟" ޢީސާގެފާނު ވިދާޅުވިއެވެ. "ބިސްމިﷲ ކިޔައިގެން ތިމަންކަލޭގެފާނުގެ ފަހަތްޕުޅުން އަންނާށެވެ." އެއަށްފަހު އެ ފެންމަތީގައި ހިންގަވާފައި ވަޑައިގެންނެވިއެވެ. އެކަމާ ހައިރާންވެ ހުރެ ޔަހޫދީ މީހާ "سبحان الله" އޭ ބުންޏެވެ. މި ވަގުތު ޢީސާގެފާނު ތިންވަނަ ފަހަރަށް އެ މީހާއާ ސުވާލުކުރެއްވިއެވެ. "ފެންމަތީގައި ހިނގުމުގެ ކުޅަދާނަކަން އަހަރެމެންނަށް ދެއްވި ފަރާތް ގަންދީ ބުނާށެވެ، ތިންވަނަ ރޮށި ކޮބައިހެއްޔެވެ؟" އޭނާ ޖަވާބުގައި ބުންޏެވެ. "ﷲ ގަންދީ ބުނަމެވެ، އެތަނުގައި އޮތީ އެންމެ ދެ ރޮށްޓެވެ." ޢީސާގެފާނު އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ.
ކޯރުގެ އަނެއް ފަރާތަށް ދެވުމުން، އެކަލޭގެފާނު ވެލިން ތިން ފުނި ޖެއްސެވިއެވެ. އެއަށް ފަހު އެ ވެލިފުނިތައް ރަނަށް ބަދަލުކޮށްދެއްވުން އެދި ﷲ އަށް ދުޢާކުރެއްވިއެވެ. އެހިނދު އެ ވެލިތައް ރަނަށް ބަދަލުވެގެން ދިޔައެވެ. ޔަހޫދީ މީހާ އަންތަރީސްވެފައި ބުންޏެވެ. "سبحان الله" މި ރަން ފުނިތަކަކީ ކާކުގެ އެއްޗެއް ހެއްޔެވެ؟" ޢީސާގެފާނު ޙަދީޘްކުރެއްވިއެވެ: "ފުރަތަމަ ފުނި ތިބާއަށެވެ. ދެވަނަ ފުނި ތިމަންކަލޭގެފާނަށެވެ." އެއަށްފަހު ކުޑަކޮށް މަޑުޖެހިލެއްވުމުން، ޔަހޫދީ މީހާ އަވަސްއަވަހަށް އެހިއެވެ: "އަދި ތިންވަނަ ފުނި؟" އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ: "ތިންވަނަ ފުނި ދެވޭނީ ތިންވަނަ ރޮށި ކޭ މީހަކަށެވެ!" އެހިނދު އޭނާ ވަގުތުން ބުންޏެވެ: "އެ ކޭ މީހަކީ ތިމަންނާއެވެ!" ޢީސާގެފާނު ވިދާޅުވިއެވެ. "މި ހުރިހާ ރަނެއްވެސް ތިބާއަށް ދީފީމެވެ." އެއަށް ފަހު ދުނިޔޭގެ އެދުންވެރިކަމާއި މުދަލަށް އޮތް ދަހިވެތިކަމުގެ ތެރެއަށް އެ މީހާ ދޫކޮށްލައްވާފައި އެކަލޭގެފާނު ވަޑައިގަތެވެ.
އެ ޔަހޫދީ މީހާ އެ ރަންތަކާ އެކު މަޑުކޮށްލައިގެން އިންދާ، މާ ގިނަ އިރެއް ނުވެ ތިން އަސްވާރުން އެތަނަށް އައެވެ. އެމީހުންނަށް މި ރަންތައް ފެނުމާއެކު، އަސްތަކުން ފައިބައިގެން އައިސް އެ ޔަހޫދީ މީހާ ވަރަށް އިހާނެތި ގޮތަކަށް މަރާލިއެވެ. މިސްކީނު މީހާއަށް އެ މުދަލުގެ އުފާ ލިބުނީ މަދު މިނެޓުކޮޅަކަށެވެ.
އެއަށް ފަހު ކޮންމެ މީހަކަށް ރަން ފުންޏެއް ލިބުމުން، ޝައިޠާނާ އެމީހުންގެ ސިކުނޑިތަކާ ކުޅެން ފެށިއެވެ. އޭގެ ތެރެއިން އެކަކު އަނެކަކާ ގާތްވެލާފައި ބުންޏެވެ: "މި ރަންތައް ތިން މީހުންނަށް ބެހުމުގެ ބަދަލުގައި، އަހަރެމެން ދެމީހުންނަށް ކޮންމެ މީހަކަށް ދޮޅު ފުނި ލިބޭ ގޮތަށް ހެދިއްޔާ ކިހިނެއް ވާނެ ހެއްޔެވެ؟" އޭނާގެ އެކުވެރިޔާ ބުންޏެވެ. "ތިޔައީ ވަރަށް މޮޅު ޚިޔާލެކެވެ." އެހެންވެ އެމީހުން ތިންވަނަ މީހާއަށް ގޮވާފައި ބުންޏެވެ. "އަހަރެމެން މިތަނުން ފުރުމުގެ ކުރިން ކާނެ އެއްޗެއް ބާޒާރުން ގަނެގެން އައިސްދީފާނަން ހެއްޔެވެ؟"
ތިންވަނަ މީހާ އެކަމާ އެއްބަސްވެ، ކާބޯތަކެތި ގަތުމަށްޓަކައި ހިނގައިގަތެވެ. މަގުމަތީގައި އޭނާގެ ހިތަށް އެރިއެވެ. "އަނެއް ދެމީހުން މަރާލާފައި، މި ހުރިހާ މުދަލެއް އަހަރެން އެކަނި މިލްކު ކުރާނީއެވެ. މިއީ ހާދަ ރަނގަޅު ޚިޔާލެކެވެ!" އެހެންކަމުން، މުޅި މުދާގަނޑު އޭނާއަށް އެކަނި ހޯދުމުގެ ނިޔަތުގައި، އޭނާ ގަތް ކާބޯތަކެއްޗަށް ވިހަ އެޅިއެވެ. ނަމަވެސް، އަނެއް ދެ އެކުވެރިން އޭނާއާ ދެކޮޅަށް ރާވަމުންދިޔަ މަކަރާއި ހީލަތުގެ ޚަބަރެއް އޭނާއަކަށް ނޭނގެއެވެ. އޭނާ އެނބުރި އައި ވަގުތު، އަނެއް ދެމީހުން އޭނާއަށް ހަމަލާދީ މަރާލައިފިއެވެ. އޭގެ ފަހުގައި، އެމީހުން އެ ވިހަގަދަ ކާބޯތަކެތި ކައިފިއެވެ. ގިނަ އިރުތަކެއް ނުވެ، އެ ދެމީހުން ވެސް މަރުވެ، އެންމެން އެކުގައި މި ދުނިޔެއާ ވަކިވެގެން ދިޔައެވެ.
މާތް الله ގެ ނަބިއްޔާ ޢީސާގެފާނު އެނބުރި ވަޑައިގެންނެވި އިރު، ބިމަށް އުކާލެވިފައިވާ ހަތަރު މައްޔިތަކާއި، އެއްވެސް ވެރިއަކު ނެތް ރަންތަކެއް ފެނިވަޑައިގަތެވެ. އެހިނދު އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. "ދުނިޔެ އޭގެ އަހުލުވެރިންނާ މެދު ކަންތައް ކުރަނީ މިފަދައިންނެވެ. އެހެންކަމުން، މިއީ ހަމައެކަނި ހުރަސްކުރަން އޮތް ފާލަމެއް ކަމުގައި ދެކޭށެވެ. އަދި ދުނިޔޭގެ ޒީނަތްތެރިކަމަށް ހެއްލި، އެތަނަކީ ދާއިމީ ތަނެއް ކަމުގައި ނުހަދާށެވެ."
ނޯޓް: މިއީ ޑރ. މޫސާ އަންވަރު ހަސަންގެ ލިޔުއްވުމެކެވެ.