ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު މި ފާހަގަ ވަނީ ރާއްޖޭގެ ރައްޔިތުންނަށް ތަނަވަސްކަން ހޯދައިދިނުމަށް މަސަކަތްކުރާ ސަރުކާރެއްގެ ގޮތުގައި ނޫން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓުގައި ނަޝީދު ވިދާޅުވީ މި ސަރުކާރު ފާހަގަވަނީ ރާއްޖޭގެ ރައްޔިތުންނަށް ތަނަވަސްކަން ހޯދައިދިނުމަށް މަސައްކަތް ކުރާ ސަރުކާރެއްގެ ގޮތުގައި ނޫން ކަމަށެވެ.
"ހިލާފު ހުރި ކަންކަން މަނާކޮށް، ހެޑްލައިން ހައްދަވާ ސަރުކާރެއްގެ ގޮތުގައި. ސިނގިރޭޓު ނުބޮވޭ ވަރަށް އަގުބޮޑު ކޮށްފި، ވޭޕަކީ ބްލެކް މާކެޓުގައި އެކަނިނ ލިބޭ އެއްޗަކަށް ހަދައިފި، ޝީޝާ މަނާކުރައްވަން މަޝްވަރާ ކުރައްވަނީ، ސްމާޓް ފޯން ބޭނުންކުރުން މަދުކުރަން ވަކާލާތު ކުރައްވަނީ،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ މި ސަރުކާރުން ޒާތީ ދިރިއުޅުުގެ ތެރެއަށް ވަންނަނީ ހައްދެއް ހުދޫދެއް ނެތި ކަމަށެވެ.
"ދެން ހައްދަވާ ގޮތަކީ ލުއި ދެއްވާކަމަށް ދައްކަވަން، ކުރިން މަނާ ކުރެއްވި ކަންކަން ބަދަލު ކުރައްވަނީ،" ނަޝީދު ވިދާޅުވި އެވެ.
ސިނގިރޭޓާއި ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ ކުޑަނުކުރާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިތާ މަހެއްހާ ދުވަސް ނުވަނީސް، އެ ނިންމެވުމާ ދެކޮޅަށް ސަރުކާރުން "ޔޫޓާން" އެއް ނެގުމާ ގުޅިގެން އާންމު ރައްޔިތުންގެ ބޮޑެތި ފާޑުކިޔުންތަކެއް ސަރުކާރަށް ދަނީ އަމާޒުވަމުންނެވެ.