އއ. ތޮއްޑޫގައި ނަމާދު ގަޑީގައި ކުޅިވަރު ކުޅޭ ތަންތަން ބަންދުކުރުމަށް އެ ރަށު ކައުންސިލުން ނިންމައިފި އެވެ.
ތޮއްޑޫ ކައުންސިލުން މިއަދު ނެރުނު އެންގުމެއްގައި ބުނީ ނަމާދު ވަގުތުތަކުގައި ކުޅިވަރުތައް ކުޅޭ ހުރިހާ ތަންތަން ބަންދު ކުރުމަށް ނިންމާފައިވާ ކަމަށެވެ.
މިގޮތުން ކޮންމެ ނަމާދު ވަގުތަކަށް 30 މިނެޓާއި، ކޮންމެ ދުވަަހަކު އިރުއޮއްސި 18:00 އިން 20:00 އާ ދެމެދު އަދި ހުކުރު ދުވަހު ހެނދުނު 10:30 އިން ފެށިގެން މެންދުރު 14:00 އާއި ދެމެދު ކުޅިވަރު ކުޅޭ ހުރިހާ ތަންތަނުގައި ކުޅިވަރު ކުޅުމަކީ މަނާ ކަމެއް ކަމަށް އެ އެންގުމުގައި ވަނީ ބުނެފަ އެވެ.
އެ ކައުންސިލުން ވަނީ މިކަން ބެލެހެއްޓުމަށް ދެ ފަރަތާކައި ހަވާލުކޮށްފަ އެވެ.
ތޮއްޑޫ ކައުންސިލުން މިގޮތަށް ނިންމާފައިވާއިރު، ކުޅިވަރު ކުޅޭ ތަންތަނުގައި ނަމާދު ކުރެވޭނެ އިންތިޒާމު ހަމަޖައްސަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވަނީ ވިދާޅުވެފަ އެވެ.
ރައީސް ވިދާޅުވީ ކުޅިވަރު ކުޅެން އުޅޭއިރު ނަމާދު ވަގުތު ޖެހުމުން ނަމާދު ކުރެވޭނެ މަގު ފަހިކޮށް ދިނުމަށްޓަކައި މިހާރު ސަރުކާރުން އަޅާ ސްޕޯޓްސް ކޮމްޕްލެކްސް ހިމެނޭހެން ކުޅިވަރު ކުޅޭ އިމާރާތްތަކުގައްޔާއި، ކުޅިވަރު ކުޅޭ މައިދާންތަކުގައި ނަމާދު ކުރެވޭނެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށެވެ.
އަދި ބަންގި ގޮވާ ވަގުތުން ފެށިގެން ކަނޑައެޅޭ ވަކި ވަގުތުތަކަކަށް ހުރިހާ ކުޅިވަރުތަކެއް މެދުކަނޑާލުމަށް ގެންނަން ޖެހޭ ބަދަލުތައް ވެސް ގެންނާނެ ކަމަށް ވިދާޅުވި އެވެ.