Last Updated: July 23, 16:49
Thursday, July 23, 2026
ޚަބަރު

މަގުމަތިން ސަރުކާރު ވައްޓާލާކަށް ނޭދެން: ނަޝީދު

މަގުމަތިން ސަރުކާރު ވައްޓާލަން ނޭދޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ށ. މިލަންދޫގައި އިއްޔެ ބޭއްވި ޗެއާޕާސަން ކެމްޕޭން ޖަލްސާގައި ވާހަކަދައްކަމުން ނަޝީދު ވިދާޅުވީ މަގުމަތިން ސަރުކާރު ވައްޓާލަން ނޭދޭ ކަމަށާއި އެކަން ކުރަން ބޭނުން ވަނީ ވޯޓުން ކަމަށެވެ. ނަމަވެސް ރާއްޖޭގެ ބައެއް އެހެން ވެރިން މި ވެރިކަން އަވަހަށް ބަދަލުވުމަށް އެދިވަޑައިގަންނަވާ ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑު ވެސް ވެއްޓިގެންދާ ތަނެއްގައި ކޮންމެހެން ކޮނޑު ޖައްސައިގެން އެ ނަގަހައްޓާކަަށް ނޫޅޭނަން،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ މި ސަރުކާރު ބަދަލުކުރުމަށް ކުރަންޖެހޭ އެންމެ ބޮޑު ކަމަކީ އެމްޑީޕީ ޖޯޝާއި ފޯރީގައި ނިކުތުން ކަމަށާއި 2028 ގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެމްޑީޕީގެ ޖޯޝާއި ރޫހު އާލާވާންޖެހޭ ކަމަށެވެ. އެމްޑީޕީގެ ޗެއާޕާސަން ކަމަށް ނިކުތީ އެ މަސައްކަތް ކުރުމަށް ކަމަށާއި އެމްޑީޕީ އަކީ ރާއްޖެ ބަދަލުކޮށްލި ޕާޓީ ކަމަށް ދުނިޔޭގެ އެތައް ބަޔަކު ފާހަގަކުރާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"ކުރިއަށް އޮތް ތަނުގައި ވެސް މި ޕާޓީ ވެގެންދާނީ ދިވެހިރާއްޖެއަށް އަނެއްކާވެސް ބޮޑު ބަދަލެއް ގެންނާނެ ޕާޓީއެއްގެ ގޮތުގައި" ނަޝީދު ވިދާޅުވި އެވެ.

މި މަހު 12 ގައި އޮންނަ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ނަޝީދާއި ވާދަކުރައްވަނީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް އެވެ.