Last Updated: July 23, 16:49
Thursday, July 23, 2026
ޚަބަރު

ނަޝީދަކީ އެމްޑީޕީއަށް ވަރަށް ޖޯޝު ގެނެސްދޭ ބޭފުޅެއް

ރައީސް ނަޝީދާއި ރޮޒެއިނާ - ފޮޓޯ: ސަން

ކުރީގެ ރައީސް މުހައްމަދު ނަޝީދަކީ އެމްޑީޕީއަށް ވަރަށް ޖޯޝު ގެނެސްދެއްވާނެ ބޭފުޅެއް ކަމަށް އައްޑޫ މީދޫ ދާއިރާގެ ކުރީގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެ އެވެ.

މި މަހު 12 ގައި ބާއްވާ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ނަޝީދު ވާދަކުރައްވާއިރު، އެމަނިކުފާނާއި ދެކޮޅަށް ނިކުންނަވަނީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް އެވެ.

ނަޝީދުގެ ކެމްޕޭން އޮފީސް ހުޅުވުމަށް މަރަދޫފޭދޫގައި ރޭ ބޭއްވި އިވެންޓެއްގައި ވާހަކަދައްކަމުން ރޮޒެއިނާ ވިދާޅުވީ ޗެއާޕާސަން އިންތިހާބަކީ އެމްޑީޕީ އެކުލަވާލަން އަލުން ލިބޭ ފުރުސަތެއް ކަމަށާއި އެގޮތުން މިއީ އެމްޑީޕީ ދޫކޮށްދިޔަ މީހުން ޕާޓީއަށް އަނބުރާ އައިސް، އެމްޑީޕީ ވަރުގަދަކަމާއެކު މަސައްކަތް ކުރަން ލިބޭ ފުރުސަތެއް ކަމަށެވެ.

ނަޝީދަކީ އެމްޑީޕީއަށް ވަރަށް ޖޯޝު ގެނެސްދެއްވާ ބޭފުޅެއް ކަމަށާއި 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ނިކުންނަން ޖެހެނީ އެ ޖޯޝާއި ފޯރީގައި ކަމަށް ރޮޒެއިނާ ވިދާޅުވި އެވެ. އަދި މިވަގުތު އެމްޑީޕީގެ ޗެއާޕާސަން ކަމަށް ނަޝީދު ވަޑައިގެންފިނަމަ އެމްޑީޕީއަށް ދުރަށްދިޔަ އެންމެން ވެސް އަނބުރާ އައިސް ޕާޓީ އެކަތިގަނޑެއްގެ ގޮތުގައި ކުރިއަށްދެވޭނެ ކަމަށްވެސް ރޮޒެއިނާ ވިދާޅުވި އެވެ.