Last Updated: July 23, 16:49
Thursday, July 23, 2026
ޚަބަރު

އާންމު މަޖިލީހުގެ މާލީ ކޮމިޓީގެ މުގައްރިރުގެ ނައިބަކަށް ރާއްޖެ

އދގެ އާންމު މަޖިލީހުގެ އިގްތިސާދީ އަދި މާލީ ކޮމިޓީގެ މުގައްރިރުގެ ނައިބުގެ މަގާމަށް ދިވެހިރާއްޖެ އިންތިހާބު ވެއްޖެ އެވެ.

އދގެ މައި މަރުކަޒުގައި މިއަދު ބޭއްވި އިންތިޚާބުގައި، މި މަގާމަށް ދިވެހިރާއްޖެ އިންތިޚާބު ވީ، އާންމު މަޖިލީހުގެ އިއްތިފާގުންނެވެ.

އާންމު މަޖިލީހުގެ އިގްތިސާދީ އަދި މާލީ ކޮމިޓީގެ މުގައްރިރުގެ ނައިބުގެ މަގާމުގައި ދިވެހިރާއްޖެ ތަމްސީލު ކުރައްވާނީ ދިވެހިރާއްޖެ އިން އދ އަށް ކަނޑައަޅައިފައި ހުންނަ ދާއިމީ މިޝަންގެ ސެކަންޑް ސެކްރެޓަރީ، ހުސައިން އަޒްހާން މުހައްމަދު ހުސައިން އެވެ. އާންމު މަޖިލީހުގެ 81 ސެޝަންގައި، ކޮމިޓީގެ މަސައްކަތްތައް ފުރިހަމަގޮތުގައި ކުރިއަށް ގެންދިއުމަށްޓަކައި، ކޮމިޓީގެ މުގައްރިރާއި ބިއުރޯގެ އެހެނިހެން މެންބަރުންނާ ގުޅިގެން ދިވެހިރާއްޖެއިން މުހިންމު ދައުރެއް އަދާކުރާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.

އާންމު މަޖިލީހުގެ 81 ވަނަ ސެޝަން ކުރިއަށް ދާނީ 2026 ސެޕްޓެމްބަރ އިން 2027 ސެޕްޓެމްބަރ އަށެވެ.

މި މަގާމަށް ރާއްޖެއިން އިންތިހާބުވުމުން ހާމަވެގެންދަނީ އދ ގައި ދިވެހިރާއްޖެއިން ގެންގުޅޭ ހަރުދަނާ ސިޔާސަތަށް ބައިނަލްއަގްވާމީ މުޖުތަމައުއިން ކުރާ އިތުބާރު ކަމަށާ އަދި ދިވެހިރާއްޖެ މި މަގާމަށް އިންތިހާބުވެފައި މިވަނީ، ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމުގެ މަސައްކަތްތައް އިތުރަށް ހަލުވިކޮށް، ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ މަސްލަހަތު ބައިނަލްއަގްވާމީ މައިދާނުގައި ހިމާޔަ ތްކުރުމަށް ދިވެހިރާއްޖެ އިން މުހިންމު މަސައްކަތްތަކެއް ކުރަމުންދާ ދަނޑިވަޅެއްގައި ކަމަށް ފޮރިން މިނިސްޓްރީން ފާހަގަ ކުރެ އެވެ.

އިގްތިސާދީ އަދި މާލީ ކޮމިޓީ ނުވަތަ "ސެކަންޑް ކޮމިޓީ" އަކީ އދގެ އާންމު މަޖިލީހުގައި ހިމެނޭ މައިގަނޑު ހަ ކޮމިޓީގެ ތެރެއިން އެއް ކޮމިޓީއެވެ. މި ކޮމިޓީގެ މައިގަނޑު މަސްއޫލިއްޔަތަކީ ދެމެހެއްޓެނިވި ތަރައްގީ އާއި، އިގްތިސާދު ކުރިއެރުމާ ގުޅުންހުރި މުހިންމު ދާއިރާތަކަށް އަމާޒުކޮށްގެން އދ ގެ މަސައްކަތްތައް ބައްޓަން ކުރުމެވެ. އަދި ކޮމިޓީގެ މަސައްކަތްތައް ރާވައި ހިންގުމުގެ ފުރިހަމަ އިޚްތިޔާރު ބިއުރޯއަށް ލިބިގެންވާއިރު، އާންމުގޮތެއްގައި ކޮމިޓީގެ އެންމެހައި ކަންކަން ކުރިއަށްދަނީ ބިއުރޯގެ އިރުޝާދާއި ލަފާގެ މަތިންނެވެ.