އއ. ފެރީދޫގައި ގާއިމުކުރި ފުލުހުންގެ އައު އިމާރާތް “ފެރިދޫ ޕޮލިސް ސްޓޭޝަން” ހުޅުވައިފިއެވެ.
ފެރިދޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި، ޕޮލިސް ސްޓޭޝަން ހުޅުވައިދެއްވީ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޮލޮޖީ ޢަލީ އިހުސާންއާއި، ކޮމިޝަނަރ އޮފް ޕޮލިސް އަޙުމަދު މުޙައްމަދުއެވެ.
ޕޮލިސް ސްޓޭޝަން ހުޅުވައިދެއްވައި، ގައުމީ ދިދަ ނަންގަވައި ދެއްވީ މިނިސްޓަރ އިޙްސާންއެވެ. އަދި ފުލުހުންގެ ދިދަ ނަންގަވައި ދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަޙުމަދު މުޙައްމަދުއެވެ.
ޕޮލިސް ސްޓޭޝަން ހުޅުވުމުގެ ރަސްމިއްޔާތަށް ފަހު، ޕޮލިސް ސްޓޭޝަންގެ ގޯތިތެރޭގައި ގަސްއިންދުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފައިވެއެވެ.
ފެރިދޫ ޕޮލިސް ސްޓޭޝަން އިމާރާތްކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީއާއެވެ. މި އިމާރާތުގެ ބިންގާއަޅައި މަސައްކަތް ފަށާފައިވަނީ 2025 އޮގަސްޓް 19 ވަނަ ދުވަހުއެވެ. މި އިމާރާތުގައި އިދާރީބަޔަކާއި، މުވައްޒަފުންގެ އެކޮމޮޑޭޝަން ބްލޮކެއް ގާއިމުކޮށްފައިވެއެވެ.
މި ޕޮލިސް ސްޓޭޝަނަކީ ފުލުހުންގެ ހިދުމަތް ފޯރުކޮށްދޭ އިމާރާތްތަކަކީ ފުލުހުންގެ އަމިއްލަ އިމާރާތްތަކަކަށް ހެދުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ހުޅުވި ސްޓޭޝަނެކެވެ.