އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ މީކާއީލް ނަސީމްގެ ކެމްޕޭންގެ ފަހު ދަތުރުތައް ރާއްޖޭގެ ސިޓީތަކުން ނިންމާލައިން ރާވައިފި އެވެ.
މި ދަތުރުތައް ކުރިއަށް ގެންދާނީ މި މަހުގެ 5-10 އަށެވެ. އެގޮތުން ކެމްޕޭން ނިންމައިލުން އޮންނާނީ މި މަހުގެ 10 ގައި މާލޭގައި ބާއްވާ ބޮޑު ޖަލްސާއިންނެވެ.
މީކާއީލްގެ ކެމްޕޭނަށް އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުތަކުގެ ތެރެއިން މިހާތަނަށް ވަރަށް ގިނަ ރަށްތަކަށް ވަޑައިގެން އެމްޑީޕީގެ މެންބަރުންނާ ބައްދަލު ވެސް ކުރައްވާފައިވެ އެވެ. އެގޮތުން މިދިޔަ ހަފުތާގައި އޭނަ އައްޑު އާއި ފުވައްމުލަކަށް ވެސް ވަޑައިގަތެވެ.
ކެމްޕޭންގެ ފަހު ބުރުގެ ތެރެއިން ސިޓީތަކަށް ފަށާ ދަތުރުތަކުގެ ތެރެއިން މި މަހުގެ 5 ގައި ވަޑައިގަންނަވާނީ ފުވައްމުލަކަށެވެ. ހައެއްގައި ތިނަދު އަށް ވަޑައިގަތުމަށް ފަހު 7 ގައި އައްޑު އަށް ވަޑައިގަންނަވާނެ އެވެ. އަދި 9 ގައި ވަޑައިގަންނަވާނީ ކުޅުދުއްފުއްޓަށެވެ.
މީކާއީލްގެ މި ސިޓީ ކެމްޕޭން ދަތުރުތަކުގައި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެސް ބައިވެރިވެވަޑައިގަންނަވާނެ އެވެ.
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު އޮންނާނީ މި މަހުގެ 12 ގައި އެވެ. މި އިންތިހާބުގައި އެންމެ ފޯރިގަދައީ މީކާއީލް ކުރީގެ ރައީސް މުހައްމަދު ނަޝީދާ ދެމެދު އެވެ.
ނަޝީދު ވެސް ގެންދަވަނީ ރަށްރަށަށް ވަޑައިގެން ވަރަށް ފޯރީގައި ކެމްޕޭން ކުރައްވަމުންނެވެ.