މިދިޔަ އަހަރު ރިލީޒްކޮޮށް، ބޮޑު ތަރުހީބެއް ހޯދި ބޮލީވުޑްގެ ފިލްމު 'ސައްޔާރާ' ގެ ޓީމުގެ އާ ފިލްމުގެ ޝޫޓިން މި އަހަރުގެ އޮކްޓޯބަރު/ނޮވެމްބަރު ހިސާބުގައި ފަށަން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްކޮށްފި އެވެ.
ޕިންކްވިލާ އިން ބުނީ ޑައިރެކްޓަރު މޯހިތު ސޫރީ މިހާރު އަންނަނީ ޝޫޓިން ފެށުމުގެ ކުރިން ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައްވަމުން އަންނަ ކަމަށެވެ. ނަން އަދި އިއުލާން ނުކުރާ މި ފިލްމަކީ 'ސައްޔާރާ' އިން ވިދި އާ ދެ ތަރިން ކަމަށްވާ އަހާން ޕާންޑޭ އާއި އަނީތު ޕައްޑާގެ ޖޯޑު އަލުން ފެންނާނެ ފިލްމެކެވެ.
އަދި މި ފިލްމު ޕްރޮޑިއުސް ވެސް ކުރަނީ 'ސައްޔާރާ' އުފެއްދި ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިންނެވެ. މި ފިލްމު ވާނީ އެ ސްޓޫޑިއޯ އަށް އަހާން ކުޅޭ ތިން ވަނަ ފިލްމަށެވެ. އޭނަ މިހާރު އަންނަނީ ވައިއާރްއެފަށް ޑައިރެކްޓަރު އަލީ އައްބާސް ޒަފަރު ޑައިރެކްޓްކުރާ ރޮމޭންޓިކް އެކްޝަން ތުރިލާއެއްގެ މަސައްކަތް ކުރަމުންނެވެ.
މިދިޔަ މަހުން ފެށިގެން އިނގިރޭސިވިލާތުގައި ޝޫޓިން ކުރިއަށްދާ މި ފިލްމުގެ ބަތަލާ އަކީ ޝަރްވާރީ ވާގް އެވެ. ރިޕޯޓްތައް ބުނާ ގޮތުން އެ ފިލްމުގެ ނަމަކީ 'ފިއާ' އެވެ.
މީޑިއާތަކުން ބުނެފައިވާ ގޮތުގައި އަހާން އާއި އަނީތާ އެކު މޯހިތު ހަދާ ދެވަނަ ފިލްމުގެ ނަމަކީ 'ސަތުރަންގާ' އެވެ. އެކަމަކު އެކަން އަދި ކަށަވަރެއް ނުވެ އެވެ.
އަނީތު މިހާރު އަންނަނީ ޕްރޮޑިއުސަރު ދިނޭޝް ވިޖަންގެ މެޑޮކް ފިލްމްސްގެ ހޮރޯ-ކޮމެޑީ ޔުނިވާސް އަށް ނިސްބަތްވާ ފިލްމު 'ޝަކްތީ-ޝާލިނީ' ގެ މަސައްކަތް ކުރަމުންނެވެ.
ބެލެވޭ ގޮތުން 'ސައްޔާރާ' ގެ ޓީމުގެ އާ ފިލްމު އަންނަ އަހަރު ބެލުންތެރިންނަށް ގެނެސްދޭނެ އެވެ. އަދި މި ފިލްމު ވާނީ 'ސައްޔާރާ' ގެ ޖާދޫގައި ޖެހުނު މީހުންގެ ހިތްތައް އަނެއްކާ ވެސް ފަތަހަކޮށްލާނެ ވަރުގެ ފިލްމަކަށް ކަމަށް މީޑިއާތަކުން ބުނެ އެވެ.