އައްޑޫ ހިތަދޫ އުތުރު ދާއިރާގެ މަޖިލިސް ގޮނޑި އަށް މެންބަރަކު ހޮވަން ބާއްވާ ބައި-އިލެކްޝަންގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް އަބްދުﷲ ސޯދިގް (ސޯބެ) ގެ ކެމްޕޭނަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މިއަދު އައްޑު އަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
އެ މަނިކުފާނު އައްޑު އަށް ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ މި ރެ އެވެ. އެހެންވެ މިރޭ 8:15 އަށް އެމްޑީޕީގެ ވީހާ ވެސް ގިނަ މެންބަރުން މަރުހަބާ ކިޔަން ގަން އެއާޕޯޓަށް ދިއުމަށް އެ ޕާޓީން އެދިފައިވެ އެވެ.

ރައީސް ސޯލިހްގެ އިތުރުން ސޯބެގެ ކެމްޕޭނަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވެސް މާދަމާ މެންދުރު ފަހު އައްޑު އަށް ވަޑައިގަންނަވަން ހަމަޖެހިފައިވެ އެވެ.
އަދި އެ ބޭފުޅުން ބައި-އިލެކްޝަން ނިމެންދެން އައްޑޫގައި މަޑުކުރައްވާނެ އެވެ. އުތުރު ދާއިރާގެ ބައި-އިލެކްޝަން އޮންނާނީ އަންނަ ހޮނިހިރު ދުވަހު އެވެ.

މި ބައި-އިލެކްޝަނަށް އައްޑޫގެ ކުރީގެ މޭޔަރު ސޯބެ ކުރައްވަމުން ގެންދަވާ ކެމްޕޭންގެ ތެރެއިން މިދިޔަ މަހުގެ ތެރޭގައި މާލޭގައި ވެސް ޖަލްސާއެއް ބާއްވާފައިވެ އެވެ. ޖަލްސާގައި ވެސް އެމްޑީޕީގެ އިސްވެރިން ބައިވެރިވެޑައިގަތެވެ. އެ ޖަލްސާގައި ރައީސް ސޯލިހާއި ރައީސް މުހައްމަދު ނަޝީދު ވާހަކަ ވެސް ދެއްކެވި އެވެ.
ހޮނިހިރުގެ ދުވަހުގެ ބައި-އިލެކްޝަންގައި ސޯބެއާ ވާދަކުރައްވަނީ ޕީއެންސީގެ ކެންޑިޑޭޓް އަހުމަދު ސައީދު (ސޮޑާ) އެވެ. އޭނަގެ ކެމްޕޭނުގައި ސަރުކާރާއި ޕީއެންސީގެ އިސްވެރިން ގެންދަވަނީ ވަރަށް އިސްކޮށް ހަރަކާތްތެރިވަމުންނެވެ.