Last Updated: June 4, 21:55
Thursday, June 4, 2026
ޚަބަރު

ފެނަކަ މުވައްޒަފުން އަމިއްލަ އަށް ވަކިވާން ހުޅުވާލައިފި

އަމިއްލަ އަށް ވަޒީފާތަކުން ވަކިވާން ބޭނުންވާ މުވައްޒަފުންނަށް އެ ފުރުސަތު ފެނަކަ ކޯޕަރޭޝަނުން ހުޅުވާލައިފި އެވެ.

އިއްޔެ އެ ފުރުސަތު ހުޅުވައިލީ ހަތަރުގެ މުސާރަ ވެސް ލިބޭ ގޮތަށެވެ. ކުންފުނީގެ ޗީފް ކޯޕަރޭޓް އޮފިސަރު އުސައިދު ހަސަން ސޮއިކުރައްވައި ހުރިހާ ޑިޕާޓްމަންޓްތަކަށް ފޮނުއްވި މެމޯގައިވާ ގޮތުން، ވަކިވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އަންނަ އާދިއްތަ ދުވަހުގެ މެންދުރު ފަހު 3:00 އާ ހަމައަށެވެ.

މުވައްޒަފުންގެ އަދަދު 8،000 އަށް އަރާ ފެނަކައިގެ މުވައްޒަފުންގެ ތެރެއިން އަމިއްލަ އަށް ވަޒީފާ އިން ވަކިވާން ބޭނުންވާ މުވައްޒަފުންނަށް އެ ފުރުސަތު ހުޅުވައިލި އިރު، ފެނަކަ އަކީ ސިޔާސީ ބޭނުމަށް ގިނަ އަދަދެއްގެ މުވައްޒަފުން ވައްދާފައިވާ ކުންފުންޏެއްކަން ގިނަ ބަޔަކު ފާހަގަކުރެ އެވެ.

އެކަން މި ސަރުކާރުން ފެނަކަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް އެންމެ ފުރަތަމަ އައްޔަންކުރި މުއާޒް މުހައްމަދު ރަޝީދު ވެސް ވިދާޅުވެފައިވެ އެވެ. މި ސަރުކާރު އައި ފަހުން ވެސް އެކި އިންތިހާބުތަކަށް ދިމާކޮށް ގިނަ އަދަދެއްގެ މުވައްޒަފުން ފެނަކަ އަށް ނަގާފައިވެ އެވެ.

ފެނަކައިގެ މިހާރު ހާލަތު ރަނގަޅު ކުރަން އަޅަން ނިންމާފައިވާ ފިޔަވަޅުތަކުގެ ދަށުން މުވައްޒަފުން މަދުކުރުމުގެ ގޮތުން އަމިއްލަ އަށް ވަޒީފާތަކުން ވަކިވާން ހުޅުވައިލުމާ ގުޅޭ ގޮތުން ފެނަކައިގެ މިހާރުގެ މެނޭޖިން ޑިރެކްޓަރު އަފީފު ވިދާޅުވީ އެގޮތަށް ނިންމީ ކުރާނެ މަސައްކަތެއް ނެތި ބޭކާރު ގޮތުގައި ގިނަ އަދަދެއްގެ ބަޔަކު ތިބިކަން ފާހަގަވެފައިވާތީ ކަމަށެވެ.

އޭނަ ވިދާޅުވީ ކުންފުނީގެ ހިންގުން ހަރުދަނާކޮށް، ރައްޔިތުންނަށް ދޭ ޚިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމަށްޓަކައި މުވައްޒަފުންގެ މަދުކުރުމަކީ ދެމެހެއްޓެނިވިކޮށް ފެނަކަ ހިންގަން ކޮންމެހެން އަޅަން ޖެހޭ މުހިންމު ފިޔަވަޅެއް ވެސް ކަމަށެވެ.