Last Updated: June 4, 06:44
Thursday, June 4, 2026
ޚަބަރު

މާލެ އާއި ވިލިމާލޭގެ މަގުތައް ހަދަން ދިރާސާ ފަށައިފި

ޗައިނާގެ ހިލޭގެ އެހީގެ ދަށުން މާލެ އާއި ވިލިމާލޭގެ މަގުތައް ހަދަން ކުރިއަށް ގެންދަން ނިންމާފައިވާ މަޝްރޫއަށް މަގުތަކުގެ ތަފްޞީލީ ކުރެހުންތައް އެކުލަވައިލުމަށް ބޭނުންވާ ސާވޭތަކާއި ދިރާސާގެ މަސައްކަތްތައް ފަށައިފި އެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނީ މި މަޝްރޫޫއުގެ ތެރެއިން، މަސައްކަތާގުޅެ ސަރަޙައްދުތައް ސާވޭ ކުރުމާއިި ކަމާގުޅުން ހުރި ފަރާތްތަކާ އެކު ބާއްވާ މަޝްވަރާ ބައްދަލުވުންތައް އަންނަ މަހުގެ 4 އާ ހަމައަށް ކުރިއަށް ދާނެ ކަމަށެވެ.

މާލެ އާއި ވިލިމާލޭގެ ހުރިހާ މަގެއް ޗައިނާ ސަރުކާރުގެ އެހީގައި ހަދައިދޭން ނިންމާފައަިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރެއްވީ ރައްޔިތުން މަޖިލީހުގެ އިންތިހާބުގެ ކެމްޕެއިން ތެރޭގައި 2024 ގެ ކުރީކޮޅު އެވެ. ރައީސް ވިދާޅުވެފައިވާ ގޮތުގައި އެ މަސައްކަތް ކޮށްދެނީ ޗައިނާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީ (ސިޑްކާ) ގެ އެހީގަ އެވެ.

މި މަޝްރޫއުގެ ފީސިބިލިޓި ސްޓަޑީ ހެދުމުގެ އެއްބަސްވުމުގައި މިދިޔަ އަހަރުގެ ޖުލައި މަހުގެ 23 ގައި ޗައިނާގައި ވަނީ ސޮއި ވެސް ކޮށްފަ އެވެ.

މާލެ އާއި ވިލިމާލޭގެ ހުރިހާ މަގެއް ޒަމާނީ ފެންވަރަށް ހެދުމުގެ އަމަލީ މަސައްކަތް ފަށަން ހަދަން ޖެހޭ ސާވޭތައް ހެދުމަށް ޗައިނާގެ ޓީމެއް 2024 ގައި ސާވޭތަކެއް ވެސް ކުރި އެވެ.

ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް މިދިޔަ މަހުގެ ކުރީކޮޅު ވިދާޅުވެފައި ވަނީ މަގުތަކުގެ ޑިޒައިން މަސައްކަތް ނިމުމުން މަގު ހެދުމުގެ މަޝްރޫއުގެ ކޮންޓްރެކްޓަރު ހޮވުމަށް ޗައިނާ ސަރުކާރުން ޓެންޑަ ކުރާނެ ކަމަށެވެ.