Last Updated: June 4, 13:43
Thursday, June 4, 2026
ދުނިޔެ

ރެސްޓޯރަންޓެއްގައި ރޯވެ 21 މީހަކު މަރުވެއްޖެ

އިންޑިއާގެ ވެރިރަށް ނިއު ދިއްލީގެ ރެސްޓޯރަންޓެއްގައި މިއަދު ރޯވެ 21 މީހަކު މަރުވެއްޖެ އެވެ.

މީޑިއާތަކުން ބުނީ ދެކުނު ދިއްލީގެ މަލްވިއާ ނަގަރުގައި ހުންނަ ލެމަން ގްރީން ރެސްޓޯރަންޓްގައި މިއަދު ހެނދުނު ހިނގި ނުރައްކާތެެރި ހާދިސާއާ ގުޅިގެން ގިނަ ބަޔަކު ޒަހަމްވެފައިވާ އިރު، ރޯވި ރެސްޓޯރަންޓުން 40 މީހަކު ސަލާމަތްކޮށްފައިވާ ކަމަށެވެ.

މަންޒަރު ދުށް ބައެއް މީހުންނާ ހަވާލާދީ ބައެއް މީޑިއާތަކުން ބުނީ އުސް އިމާރާތެއްގައި ހިންގަމުން ދިޔަ ރެސްޓޯރަންޓްގައި ރޯވުމާ ގުޅިގެން ބައެއް މީހުން ސަލާމާތްވާން އިމާރާތުން މަތިން ފުންމާލާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ދެ އަންހެނަކު ވެސް ހިމެނެ އެވެ.

ހާދިސާގައި ޒަހަމްވި މީހުންނަށް މިހާރު އަންނަނީ ހޮސްޕިޓަލްތަކުގައި ފަރުވާ ދެމުންނެވެ.

މި ހާދިސާގެ ރިޕޯޓް ހެނދުނު 9:00 އެހާކަށްހާ އިރު. ލިބުމާ ގުޅިގެން ދިއްލީގެ ފަޔާ ސާވިސް އިން އަލިފާން ނިއްވުމުގެ މަސައްކަތްކޮށްފައިވެ އެވެ. ރޯވި ތަނުން އަލިފާން މިހާރު ކޮންޓްރޯލް ކުރެވިފައިވާ އިރު، ތަނަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެ އެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސީދާ ސަބަބެއް އަދި ސާފެއް ނުވެ އެވެ. އެކަމަކު ރެސްޓޯރަންޓްގައި ރޯވީ ގޭސް ސިލިންޑަރެއް ގޮވައިގެން ކަމަށް ބެލެވޭ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ.