މަޝްހޫރު އިނގިރޭސި އެކްޓަރު އިޑްރިސް އެލްބާ އަށް އިނގިރޭސިވިލާތުގެ ޝާހީ އާއިލާ އިން އަހަރުވާ މަތީ ޝަރަފެއް ކަމަށްވާ ނައިޓް ބެޗްލާ (ނައިޓްހުޑް) އަރުވައިފި އެވެ.
އިއްޔެ ވިންޑްޒާ ކާސަލްގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ޝަރަފުު 53 އަހަރުގެ އެކްޓަރަށް އެރުވީ ރަސްގެފާނު ޗާލްސް ތިނެކެވެ. އެލްބާ އަށް އެރުވި ޝަރަފާ އެކު އޭނަގެ ނަމުގެ ކުރިއަށް ދެން 'ސާ' ބޭނުން ކުރާނެ އެވެ.
އެލްބާ އަށް ނައިޓްހުޑްގެ ޝަރަފު އެރުވި ރަސްމިއްޔާތުގައި އޭނަގެ އަންހެނުން ސަބްރީނާ ޑައުރް ވެސް ބައިވެރިވި އެވެ.
ހޮލީވުޑްގެ މަޝްހޫރު ތަރިންގެ ތެރޭގައި ހިމެނޭ އެލްބާ އަށް ނައިޓްހުޑް ޝަރަފު އެރުވީ ޒުވާނުން ބާރުވެރިކުރުވުމާއި ތައުލީމާއި ދެމެހެއްޓެނިވި ތަރައްގީ އަށް އޭނަ ކުރަމުން އަންނަ މަސައްކަތްތައް ފާހަގަކޮށެވެ. އެކަންކަމަށް ވަކާލާތު ކުރުމުގެ ގޮތުން ކާމިޔާބު އެކްޓަރު އަންނަނީ އެލްބާ ހޯޕް ފައުންޑޭޝަންގެ ނަމުގައި ފައުންޑެޝަނެއް ވެސް ހިންގަމުންނެވެ.
އެލްބާ އަށް ޝާހީ އާއިލާ އިން ނައިޓްހުޑްގެ ޝަރަފުވި އިރު، ރަސްގެފާނު ޗާލްސްގެ ފައުންޑޭޝަން ކިންގްސް ޓްރަސްޓް އަށް 50 އަހަރު ފުރުން ފާހަގަ ކުރުމަށް އެ ފައުންޑޭޝަނާ ގުޅިގެން ތައްޔާރުކޮށްފައިވާ ޑޮކިއުމަންޓަރީއެއް ވެސް ކުރިއަށް އޮތް ހަރީފު މޫސުމުގައި ނެޓްފްލިކްސް އިން ޕްރީމިއާ ކުރަން އޮތީ ނިންމައިފަ އެވެ.
އިއްޔެގެ ރަސްމިއްޔާތުގައި ނައިޓްހުޑްގެ ޝަރަފު ޖުމްލަ 68 މީހަކަށް އަރުވާފައިވެ އެވެ. އޭގެ ތެރޭގައި އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ހިދުމަތްތެރިން ހިމެނެ އެވެ.
ޖޭމްސް ބޮންޑްގެ ރޯލަށް ދެން ނަގައިފާނެ ކަމަށް ބުނާ އެކްޓަރުންގެ ލިސްޓްގައި ހިނެނޭ އެލްބާގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުގައި ރިލީޒްކުރި ޕޮލިޓިކަލް ތުރިލާ 'އަ ހައުސް އޮފް ޑައިނަމައިޓް' އެވެ. އޭނަގެ ކުރިއަށް އޮތް ފިލްމަކީ ހުކުރު ދުވަހު ސިނަމާތަކަށް ދޫކޮށްލާ 'މާސްޓާސް އޮފް ދި ޔުނިވާސް' އެވެ.