އައްޑޫގައި އަލުން އޮކިއުޕޭޝަނަލް ތެރަޕީގެ ހިދުމަތް ފަށައިފި އެވެ.
އެ ހިދުމަތަކީ އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގެ ދަށުން މަރަދޫފޭދޫގައި ހިންގަމުން އަންނަ ސަދަން ޗައިލްޑް ޑިވެލޮޕްމެންޓް ސެންޓަރު (އެސްސީޑީސީ) އިން ދެމުން އަންނަ ހިދުމަތެކެވެ.
އޮކިއުޕޭޝަނަލް ތެރަޕީގެ ހިދުމަތް އަލުން ދޭން ފެށި ވާހަކަ ހޮސްޕިޓަލުން އިއުލާންކުރީ މިއަދެވެ.
އެނގިފައިވާ ގޮތުގައި އެ ހިދުމަތް އަލުން ދޭން މި ފެށީ، އެ ހިދުމަތް މެދުކެނޑިފައިވާތާ އަހަރެއްހާ ދުވަސް ފަހުންނެވެ. މިކަމާ ގުޅިގެން އޮކިއުޕޭޝަނަލް ތެރަޕީގެ ހިދުމަތް ހޯދަމުން އައި އާއިލާތަކުން ދިޔައީ ކަންބޮޑުވުން ވެސް ފާޅުކުރަމުންނެވެ.
އެސްސީޑީސީން ކުރިން ސްޕީޗް ތެރަޕީ އާއި ފިޒިއޮތެރަޕީގެ އިތުރުން ކްލިނިކަލް ސައިކޮލޮޖީގެ ހިދުމަތް ވެސް ދެމުން އައިސްފައިވެ އެވެ. ނަމަވެސް އެ ހިދުމަތްތައް ވެސް މެދުކެނޑިފައިވާތާ ވަރަށް ގިނަ ދުވަސްވެއްޖެ އެވެ.
އެސްސީޑީސީ އަކީ ހެދި ބޮޑުވުމުގައި ދިމާވާ ތަފާތު އެކި މައްސަލަތަކަށް ފަރުވާދީ އެހީތެރިކަން ފޯރުކޮށް ދިނުމުގެ ގޮތުން 2021 ގެ ކުރީކޮޅު ގާއިމުކުރި ތަނެކެވެ. އެތަން ހުޅުވުމުގެ މައިގަނޑު ބޭނުމަކީ ހެދިބޮޑުވުމުގައި ތަފާތު ގިނަ މައްސަލަ ހުންނަ ކުދިންނަށް އެ ކުއްޖަކާ އެންމެ އެކަށޭނެ ފަރުވާތައް ދިނުމެވެ. އެގޮތުން އެކި ބާވަތުގެ ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި، ހެދި ބޮޑުވުމުގައި ލަސްތަކެއް ހުންނަ ކުދިންނާއި، މުޢާމަލާތް ކުރުމާއި އަދި އާންމު ދިރިއުޅުމުގައި ގޮންޖެހުންތައް ދިމާވާ ކުދިންނަށް ފަރުވާ ދޭ ގޮތަށް ސެންޓަރު ހުޅުވި ނަމަވެސް އެންމެ އެކަށީގެންވާ ގޮތަށް އެތަނުގެ ހިދުމަތް ނުލިބޭކަމުގެ ޝަކުވާތައް ވަރަށް ބޮޑެވެ.