އައްޑޫ ސިޓީ ހިތަދޫ ފިށިމަތި ސަރަހައްދު ހިއްކުމަށް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ކުއްޔަށް ނެގި ވެހިކަލްތަކަށް ފައިސާ ނުދީގެން މުޒާހަރާކުރަން ފަށައިފި އެވެ.
ހިތަދޫގައި ހުންނަ އާރްޑީސީ އޮފީސް ކުރިމަތީގައި މުޒާހަރާ ކުރަމުންދަނީ ފިށިމަތި ހިއްކަން އާރްޑީސީން ހަވާލުކުރި ތާޑްޕާޓީ ކުންފުންޏެއް ކަމަށްވާ، ލިފްޓެޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ދޭންޖެހޭ 8.4 މިލިއަން ރުފިޔާ ނުދީގެންނެވެ.
އެގޮތުން އެ ކުންފުނީގެ ވެހިކަލްތަކުގައި ތަފާތު އެކި ޝުއޫރުތައް ލިޔެފައިވާ ބެނާތައް ހަރުކޮށްގެން ފައިސާ ދިނުމަށް އަންނަނީ ޑިމާންޑް ކުރަމުންނެވެ.
ފިށިމަތި ސަރަހައްދު ހިއްކުމާއެކު އައްޑޫ ލިންކް ރޯޑު ހަދަން ސަރުކާރުން ނިންމާފައިވާއިރު، ލިންކް ރޯޑް ތަރައްގީ ކުރުމުގެ މަޝްރޫއު އާރްޑީސީއާ ހަވާލުކުރީ މިދިޔަ އަހަރުގެ އެޕްރީލް 8 ގަ އެވެ. އަދި އެ މަޝްރޫއު ރަސްމީކޮށް އިފުތިތާހުކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 5 ގައި އައްޑު އަށް ކުރެއްވި ދަތުރުގަ އެވެ.
މި މަޝްރޫއު ހަވާލުކުރިތާ އަހަރަކަށް ވުރެ ގިނަ ދުވަސްވީ އިރު ވެސް މަގު ހެދުމާ ގުޅޭ އަމަލީ އެއްވެސް މަސައްކަތެއް ފެށިފައި ނުވާތީ އައްޑޫގެ ވަރަށް ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ނަމަވެސް މިހާރު މި ދަނޑިވަޅުގައި މި މަޝްރޫއާ ގުޅޭ ބައެއް މަސައްކަތްތައް ކުރަން ފެށީ ހިތަދޫ އިތުރު ދާއިރާގެ ބައި-އިލެކްޝަނެއް ބޯމަތިވެފައި އޮތުމުން، އެކަމަށް އަމާޒުކޮށްގެން ސަރުކާރު ކެންޑިޑޭޓަށް ތާއީދު ހޯދަން ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ސަރުކާރަށް ފާޑު ކިޔަމުންނެވެ.
ހިތަދޫ އުތުރު ދާއިރާ އަށް މެންބަރަކު ހޮވަން ބާއްވާ ބައި-އިލެކްޝަން އޮންނާނީ އަންނަ ހޮނިހިރު ދުވަހު އެވެ. އޭގައި ވާދަކުރައްވަނީ ވެރިކަން ކުރާ ޕާޓީ ޕީއެންސީގެ ފަރާތުން ހިތަދޫ މޫލެކެޑެ ދާއިރާގެ ކުރީގެ ކައުންސިލަރު އަހުމަދު ސައީދު (ސޮޑާ) އާއި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ އައްޑޫގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) އެވެ.