Last Updated: June 4, 10:07
Thursday, June 4, 2026
ޚަބަރު

އައްޑޫ ކައުންސިލްގެ ތަޖުރިބާ ދަތުރަކަށް 1.2 މިލިއަން

އައްޑޫ ސިޓީ ކައުންސިލުން 2023 އަދި 2024 ވަނަ އަހަރު ރާއްޖެއިން ބޭރަށް ކުރި ދަތުރުތަކަށް ޖުމުލަ 1,200,610 ރުފިޔާ ހަރަދުކޮށްފައިވާކަމަށް އޮޑިޓް ރިޕޯޓުން ދައްކައި ފިއެވެ.

އައްޑޫ ސިޓީ ކައުންސިލް އިދާރާގެ 2022 އާއި 2023 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް އަދި 2024 ވަނަ އަހަރުގެ މާލީ ބަޔާންތަކު ގެ އޮޑިޓް ރިޕޯޓުގައިވާ ގޮތުން އައްޑޫސިޓީ ކައުންސިލްގެ އިދާރާ ތަމްސީލުކުރާ 13 މެންބަރުންގެ ތެރެއިން 8 މެންބަރުންނާ، ކައުންސިލްގެ އިދާރާގެ 2 މުވައްޒަފުން ހިމެނޭހެން ޖުމުލަ 10 ބޭފުޅުން މެލޭޝިއާ އަދި ސިންގަޕޫރަށް 8 ދުވަހުގެ ތަޖުރިބާ ދަތުރެއް ކޮށްފައިވެ އެވެ.

މި ދަތުރަށް ހިނގާނޭ ހަރަދުގެ ފައިސާ ލިބޭނޭ އެހެން ގޮތްތަކެއް (ސޮޕޮންސާ/ބޭރުގެ އެހީ)އަށް ނުބަލައި ކައުންސިލްގެ ބަޖެޓުން 515,101 ރުފިޔާ ހަރަދުކޮށްފައިވާކަން އޮޑިޓް ރިޕޯޓުގައިވަނީ ފާހަގަކޮށްފަ އެވެ.

މީގެ އިތުރުން އައްޑޫ ސިޓީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންގެ ތެރެއިން 9 މެންބަރުންނާއި ކައުންސިލް މެންބަރަކާ، ސެކްރެޓަރީ ޖެނެރަލް ހިމެނޭހެން ޖުމުލަ 11 ފަރާތަކުން މެލޭޝިއާ އަދި ސިންގަޕޫރަށް 8 ދުވަހުގެ ތަޖުރިބާ ދަތުރެއް ކޮށްފައިވާކަން އޮޑިޓް ރިޕޯޓްގައިވަނީ ފާހަގަކޮށްފައެވެ. މި ދަތުރަށް ހިނގާނޭ ހަރަދުގެ ފައިސާ ލިބޭނޭ އެހެން ގޮތްތަކެއް (ސޮޕޮންސަރ/ބޭރުގެ،ނުބަލައިއެހީ) އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބަޖެޓުން 685,509 ރުފިޔާ ހަރަދުކޮށްފައިވާކަން އޮޑިޓް ރިޕޯޓުން ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން މި ދަތުރުގައި ބައިވެރިވެފައިވާ ކައުންސިލްގެ މެމްބަރުގެ އިތުރުން ސެކްރެޓަރީ ޖެނެރަލް އޭގެ 3 މަސްދުވަސް ކުރިން ބޭއްވުނު ތަޖުރިބާ ދަތުރެއް ގައިވެސް ބައިވެރިވެފައިވާ ކަމާއި މިދަތުރުގައި ކުރިޔަށް ގެންގޮސްފައިވާ ޓްރެއިނިން ގައި މި ދެ ފަރާތުން ބައިވެރިވެފައި ނުވި ނަމަވެސ،ް މި ދެ ފަރާތުގެ ހުރުމާއި ކެއުމުގެ އިތުރަށް ޓިކެޓް ހަރަދަށް ޖުމުލަ 116,286 ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޯޓުގައި ވަނީ ފާހަގަކޮށްފައެވެ.