Last Updated: June 4, 13:43
Thursday, June 4, 2026
މުނިފޫހިފިލުވުން

އާމިރު އަންނަ މަހު ކައިވެނި ކުރަނީ

ބޮލީވުޑްގެ ތަރި، އާމިރު ޚާން އަންނަ މަހު ކައިވެނި ކުރަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ފިލްމުފެއާ އިން ބުނީ 61 އަހަރުގެ އެކްޓަރު ކައިވެނި ކުރަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 5 ގައި ކަމަށެވެ. ގޯރީ ސްޕްރަޓް ކިޔާ މީހަކާ އާމިރު ރައްޓެހިވެގެން އުޅޭތާ މިހާރު އަހަރެއްހާ ދުވަސްވެފައިވާ އިރު، ދެ މީހުން ދިރިއުޅެމުން ވެސް އަންނަނީ އެކީގަ އެވެ.

ގޯރީ، 47، އަކީ ކުރިން ކައިންވެންޏެއްކޮށް ފިރިހެން ދަރިޔަކު ވެސް ހުރި މީހެކެވެ.

ފިލްމުފެއާ އިން ބުނީ އާމިރާއި ގޯރީގެ ކައިވެނި ހަފުލާ އޮންނާނީ އާމިރުގެ ގޭގައި ކަމަށާއި އެ ހަފުލާގައި ބައިވެރިވާނީ އާއިލާގެ މީހުންނާއި އެންމެ ގާތް އެކުވެރިން ކަމަށެވެ.

މިއީ އާމިރުގެ ތިން ވަނަ ކައިވެންޏެވެ. އޭނަ އެންމެ ފަހުން ކައިވެނިކޮށްގެން އުޅުނީ ޑައިރެކްޓަރު ކިރަން ރާއޯއާ އެވެ. ދެހާސް ފަހެއްގައި ކުރި ކައިވެނި ރޫޅައިލީ 2021 ގަ އެވެ. އާމިރާއި ކިރަން އަށް ލިބިފައިވާ ދަރިފުޅަކީ މި އަހަރު 15 އަހަރު ފުރޭ އާޒާދު ރާއޯ ޚާނެވެ.

އާމިރުގެ ފުރަތަމަ ކައިވެންޏަށް ދެ ކުދިން ލިބިފައިވާ އިރު، އޭނަ އާއި ރީނާ ދައްތާ 1986 ގައި ކުރި ކައިވެނި ރޫޅައިލީ 2002 ގަ އެވެ. އެ ކައިވެންޏަށް ލިބުނު ދެ ކުދިންގެ ތެރެއިން ދޮށީ ދަރިފުޅަކީ މިހާރު ފިލްމު ވެސް ކުޅެމުން އަންނަ ޖުނައިދު ޚާން، 33. އެވެ. އޭނަގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ މަހު ރިލީޒްކުރި 'އޭކް ދިން' އެވެ.

އާމިރުގެ އަންހެން ދަރިފުޅަކީ އިރާ ޚާން، 29، އެވެ. އޭނަ ވަނީ 2024 ގައި ކައިވެނިކޮށްފަ އެވެ.

އާމިރު ތިން ވަނަ ކައިވެނިކުރާ އިރު، އޭނަ އާއި ކުރީގެ ދެ އަނބިންނާ އަބަދު ވެސް ވަރަށް ގާތް ގުޅުމެއް އޮވެ އެވެ.