ހުސްވެފައިވާ އައްޑު ހިތަދޫ އުތުރު ދާއިރާގެ މަޖިލިސް ގޮނޑި އަށް އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ އަބްދުﷲ ސޯދިގް (ސޯބެ)ގެ ކެމްޕޭން ނިންމާ ޖަލްސާގައި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
ސޯބެ ކެމްޕޭން ނިންމާ ޖަލްސާ އޮންނާނީ މާދަމާ ރޭ ހިތަދޫ ސްކޫލްގަ އެވެ.
ސޯބެ ކެމްޕޭންގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ސޯލިހު މިރޭ އައްޑުއަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ. ނަޝީދު އައްޑު އަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މާދަމާ އެވެ. އަދި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވެސް މާދަމާ އައްޑުއަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.
މަޖިލީހަށް ވާދަކުރައްވަން އެމްޑީޕީގެ ޓިކެޓް ސޯބެ އަށް ލިބިވަޑައިގަތީ ޕްރައިމަރީއަކާ ނުލަ އެވެ. އަދި އެ ގޮނޑި އަށް ހުސްވުމާ އެކު ސޯބެ ވާދަކުރައްވާނެކަން އިއުލާން ކުރެއްވުމާ އެކު، ސޯލިހާއި ނަޝީދު ވަނީ އޭނަ އަށް ތާއީދު އޮތްކަން ހާމަކުރައްވައިފަ އެވެ.
ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ އެ ދާއިރާގެ މެންބަރަކަށް ހުންނެވި މުހައްމަދު ސިނާނަށް ދަރަނީގެ މައްސަލައެއްގައި ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމާ ގުޅިގެންނެވެ.
އެހެންވެ ދާއިރާ އަށް މެންބަރަކު ހޮވަން ބައި-އިލެކްޝަން ބާއްވަން ނިންމާފައި ވަނީ އަންނަ ހޮނިހިރު ދުވަހު އެވެ. މި ބައި-އިލެކްޝަންގައި ވާދަކުރައްވަނީ ސޯބެ އަދި ޕީއެންސީގެ ކެންޑިޑޭޓް އަހުމަދު ސައީދު (ސޮޑާ) އެވެ.