ޙައިޟުގެ ތެރޭގައި ލޭކެނޑުމާއި ހިކުމުގެ ޙުކުމް:
ޙައިޟުގެ ދުވަސްވަރު ލޭކެނޑި ހިކުމުން، އެ ފެންނަ ފެނުމާއެކު (އެއީ އެންމެ ގަޑިއިރަކަށް ނަމަވެސް) އަންހެނާ ޠާހިރުވީ ކަމަށް ބަލާނީތޯ، ނުވަތަ އެއްދުވަސް ނުވަތަ ބައިދުވަސް ވަންދެން އިންތިޒާރު ކުރަން ޖެހޭނެތޯ؟
މިކަމުގައި ޢިލްމުވެރިންގެ މެދުގައި ދެ ރައުޔެއްވެ އެވެ.
ފުރަތަމަ ރައުޔު: އަންހެނާ އެއް ދުވަސް ނުވަތަ ބައިދުވަސް ވަންދެން އިންތިޒާރު ކުރަންޖެހޭނެއެވެ. ސަބަބަކީ ގަޑިއިރަކަށް ނުވަތަ އެއަށްވުރެ ކުރު ވަގުތުކޮޅަކަށް ލޭކެނޑުމަކީ ޙައިޟުވެރިޔާއަށް އާދައިގެ މަތިން ދިމާވާ ކަމެކެވެ. އެހެންކަމުން އެއީ ޠާހިރުވުމުގެ ޢަލާމާތެއް ކަމުގައެއް ނުބެލެވޭނެއެވެ.
ابن قدامة رحمه الله އާއި އެ ނޫން ވެސް ބޭކަލުން މިގޮތް އިޚްތިޔާރު ކުރައްވައެވެ. އިބްނު ޤުދާމާ ވިދާޅުވެފައިވެއެވެ. "އަންހެނާއަށް ޠާހިރުކަން ފެނިއްޖެ ހިނދެއްގައި އޭނާއީ ޠާހިރެކެވެ. އޭނާ ހިނައިގަނެ، ނަމާދުކުރުމާއި ރޯދަހިފުން އޭނާގެ މައްޗަށް ލާޒިމުވެގެންވެއެވެ. އެއީ އާދައިގެ ދުވަސްވަރު ކަމުގައިވިޔަސް ނުވަތަ އާދައިގެ ދުވަސްތައް ނިމުމަށް ފަހު ކަމުގައިވިޔަސް މެއެވެ. އަދި އަހަރެމެންގެ މަޛްހަބުގެ ބޭކަލުން (ޙަންބަލީ ބޭކަލުން) ޠާހިރުކަމުގެ ވަގުތު ކުރުވުމާއި ދިގުވުމުގެ މެދުގައި ތަފާތެއް ނުކުރައްވައެވެ. އެއީ އިބްނު ޢައްބާސްގެ މި ބަސްފުޅަށްޓަކައެވެ. "އަންހެނާ އަށް ގަޑިއިރަކަށް ނަމަވެސް ޠާހިރުކަން ފެނިއްޖެ ނަމަ، ފަހެ އޭނާ ހިނައިގަންނާށެވެ."
ނަމަވެސް ރަނގަޅު ގޮތަކީ ލޭކެނޑޭ ކެނޑުން އެއްދުވަހަށްވުރެ ކުރުނަމަ، އެއީ ޠާހިރުކަމެއް ކަމުގައި ނުބެލުމެވެ. މިއީ ނިފާސްގެ ބާބުގައި އަހަރެމެން ބަޔާންކުރި ރިވާޔަތުގެ މައްޗަށް ބިނާކޮށެވެ. އެއީ އެއް ދުވަހަށް ވުރެ ކުރު ވަގުތަކަށް ލޭ ކެނޑުމަށް ސަމާލުކަން ނުދިނުމެވެ. ޞައްޙަގޮތަކީވެސް މިއެވެ. ސަބަބަކީ ލޭ އައުމަކީ އެއް ފަހަރު އައިސްފައި އަނެއްފަހަރު މެދުކެނޑޭ އެއްޗެކެވެ. ގަޑިއަކުން ގަޑިއަކުން ޠާހިރުވާ ކޮންމެ ފަހަރަކު ހިނައިގަތުން ލާޒިމުކުރުމުގައި ބޮޑުވެގެންވާ އުނދަގުލެއް (ޙަރަޖެއް) ވެއެވެ.
އެކަން މާތްﷲގެ މި ބަސްފުޅުން ނަފީވެގެންވެއެވެ: (وَمَا جَعَلَ عَلَيْكُمْ فِي الدِّينِ مِنْ حَرَجٍ) މާނައީ: "ދީނުގައި ތިޔަބައިމީހުންގެ މައްޗަށް އެއްވެސް ދަތިކަމެއް އެކަލާނގެ ނުލައްވަތެވެ." އަދި ގަޑިއިރެއްގެ ލޭކެނޑުމަކީ ޠާހިރުކަމެއް ކަމުގައި ބަލައި، އޭގެ ފަހުން އަންނަ ލެޔަށް ބެލުމެއް ނެތްކަމަށް ހަދައިފިނަމަ، އޭނާގެ ޙައިޟުގެ ދުވަސްތައް ތަރުތީބެއް ނެތި ހިނގައިދާނެ އެވެ. އެހެންކަމުން، އެއްދުވަހަށްވުރެ ކުރު ވަގުތެއްގެ ލޭކެނޑުމަކީ ޠާހިރުކަމެއް ކަމުގައި ނުބެލެވޭނެއެވެ. އެހެންނަމަވެސް، އޭނާގެ އާދައިގެ އެންމެ ފަހު ދުވަސްވަރު ލޭކެނޑުން، ނުވަތަ ދޮންކުލައިގެ ފެންފޮދެއް (ޤައްޞަތުލް ބައިޟާ) ފެނުން ފަދަ ޠާހިރުވުމުގެ ސާފު ޢަލާމާތެއް ފެނިއްޖެ ނަމަ އެއީ އިސްތިސްނާއެކެވެ." ("المغني" (1/257)
ދެވަނަ ރައުޔު: އެންމެ ގަޑިއިރަކަށް ނަމަވެސް ހިކުން ފެނުމުން ޠާހިރުކަން ލިބިގަނެވޭނެއެވެ. އެއީ އާދައިގެ ދުވަސްތަކުގެ ފަހުކޮޅުގައި ކަމަށްވިޔަސް ނުވަތަ އޭގެ މެދުތެރެއިން ކަމަށްވިޔަސް މެއެވެ. މިއީ ޙަންބަލީ މަޛްހަބުގެ ރަސްމީ ގޮތެވެ. އަދި މިއީ އިބްނު ޤުދާމާ މަތީގައި ބަޔާންކުރެއްވި ބަސްފުޅުގައި އެންމެ އިސްކަންދެއްވި ގޮތްވެސް މެއެވެ. ابن قدامة رحمه الله، ޙައިޟުގެ އެންމެ ފަހުކޮޅުގައި ހިކުން ފެންނަ މައްސަލައިގައި މަޛްހަބާ އެއްބަސްވެވަޑައިގަންނަވައެވެ. އެފަދަ ޙާލަތެއްގައި އެ ހިކުމާއެކު ޠާހިރުކަން ލިބޭނެއެވެ. އެއްދުވަސް ނުވަތަ ބައިދުވަސް ވަންދެން އިންތިޒާރު ކުރާކަށް ނުޖެހޭނެއެވެ.
ވީމާ؛ ޙައިޟުގެ ދައުރުގެ އެންމެ ފަހުކޮޅުގައި ހިކުން ފެންނަ އަންހެނާ، އެކަމުން ޠާހިރުވީއެވެ. އޭގެ ފަހުން (ގަޑިއިރެއް ފަހުން ނަމަވެސް) ކުލަ ފަނޑު (މުށި/އަޅި) ކުލައިގެ ދިޔައެއް (ކުދުރަތް) އައި ނަމަވެސް، އެއީ ޠާހިރުވުމުގެ ފަހުން އައި އެއްޗަކަށްވާތީ އެއީ އެއްވެސް އެއްޗެއް ކަމުގައި ނުބެލެވޭނެއެވެ. ނަމަވެސް، ޙައިޟުގެ މެދުތެރެއިން ކުރިމަތިފަރާތް މުޅިން ހިކިއްޖެނަމަ، ޞައްޙަ ގޮތަކީ އެންމެ ގަޑިއިރަކަށް ހިކުނު ނަމަވެސް އޭނާ ޠާހިރުވީއެވެ. ސަބަބަކީ އެތަނުން ލެޔާއި، ރީނދޫދިޔަ (ޞުފްރަތު) އަދި މުށިދިޔަ (ކުދުރަތް) ސާފުވުމަކީ ޠާހިރުވުމުގެ ޢަލާމާތަކަށް ވާތީއެވެ.
މިތަނުގައި "ހިކުން ފެނުން" (الجفاف) ކަމަށް މިބުނަނީ ހަމައެކަނި ލޭ އޮހުރުން ހުއްޓުމަކަށް ނޫނެވެ. އޭގެ މާނައަކީ ކުރިމަތިފަރާތަށް ކަފަބުރެއް ފަދަ އެއްޗެއް ލެއްވުމަށްފަހު ނެގުމުން، އެ ކަފަކޮޅު އެއްވެސް ރީނދޫ ނުވަތަ މުށި ކުލައިގެ އަސަރެއް ނެތި ހުދުކޮށް ނިކުތުމެވެ. ކަފަކޮޅުގައި ރީނދޫ ނުވަތަ މުށި ކުލައިގެ އަސަރެއް ހުރިނަމަ، ޙައިޟު ކެނޑުނީއެއް ނޫނެވެ. އަދި އެއީ މުޅިން ހިކުމެއް (ޖަފާފު ތާމް) ކަމުގައެއް ނުބެލެވޭނެއެވެ. (ينظر: موقع الإسلام سؤال وجواب، جواب السؤال رقم: (345323)
ނޯޓް: މިއީ ޑރ. މޫސާ އަންވަރު ހަސަންގެ ލިޔުއްވުމެކެވެ.