Last Updated: June 4, 09:56
Thursday, June 4, 2026
ޚަބަރު

ފިޗުން ރާއްޖޭގެ ކްރެޑިޓް ރޭޓިން މަތިކޮށްފި

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު - ފޮޓޯ: ރައީސް އޮފީސް

ބައިނަލްއަގުވާމީ ރޭޓިން އެޖެންސީ، ފިޗް ރޭޓިންސްއިން ރާއްޖޭގެ ކްރެޑިޓު ރޭޓިން "ސީސީ" އިން "ސީސީސީ-"އަށް މަތިކުރަން ނިންމައިފި އެވެ.

ފިޗުން ރާއްޖޭގެ ކްރެޑިޓް ރޭޓިން އެއް ދަރަޖަ މަތިކުރުމަށް ނިންމީ މި އަހަރުގެ އޭޕްރީލް މަހުގައި ރާއްޖެއިން ދައްކަން އޮތް ސުކޫކުގެ ދަރަނި ދެއްކުމާއެކު، ރާއްޖެއަށް ބޭރުގެ ދަރަނި އަދާނުކުރެވުމުގެ ނުރައްކާ ކުޑަވެފައިވާތީކަމަށް އެ އެޖެންސީން ބުނެފައިވެ އެވެ.

ސުކޫކުގެ ދަރަނި އެކީ ދައްކައި ހަލާސްކުރުމަކީ ރާއްޖެއަށް ލިބުނު ވަރަށް ބޮޑު ކާމިޔާބެއް ކަމަށާއި އޭގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެފައި ހުރި އިގުތިސާދީ އަދި މާލީ ބޮޑެތި ނުރައްކާތައް ވަރަށް ބޮޑަށް ކުޑަވެފައިވާ ކަމަށްވެސް ފިޗުން ބުންޏެވެ.

މިކަމާ ގުޅިގެން ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި، މިއީ ދުނިޔޭގެ އިގުތިސާދު ނުތަނަވަސްކަމެއްގެ ތެރޭގައި އޮތްއިރުވެސް ދައުލަތުގެ މާލީ ހާލަތު ހަމަޖައްސައި ދަރަނި އަދާކުރުމަށް ސަރުކާރުން ކުރަމުންދާ މުހިއްމު މަސައްކަތްތަކަށް އިތުބާރު ލިބެމުންދާކަމުގެ ހެއްކެއް ކަމަށެވެ. މި ދަރަނިތައް އަދާކުރެވުނީ އާމްދަނީ އިތުރުކުރުމަށް ގެނައި އިސްލާހުތަކާއި ބޭރު ފައިސާ މެނޭޖްކުރުން ހަރުދަނާކުރުމުގެ އިތުރުން ބޭރުގެ މާލީ އިދާރާތަކާއި ގައުމުތަކާ އެކު ބޭއްވި ގާތް ގުޅުމުގެ ސަބަބުން ކަމަށް މިނިސްޓްރީން ބުންޏެވެ.

މީގެއިތުރުން ދަރަނި އަދާކުރުމުގައި ލިބުނު މި ލުޔާ އެކު، ދައުލަތުގެ ހަރަދުތައް ކުޑަކޮށް އިގްތިސާދު ހަރުދަނާކުރުމަށާއި ބޭރު ފައިސާގެ ރިޒާވް ވަރުގަދަކުރުމަށް ސަރުކާރަށް އިތުރު ފުރުސަތު ލިބިގެންދާނެ ކަމަށްވެސް މިނިސްޓްރީން ހާމަކުރެ އެވެ.