ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަން އެމްޑީޕީގެ ކެންޑިޑޭޓް އަބްދުﷲ ސޯދިގް (ސޯބެ) އަށް ކާމިޔާބުވާނެ ކަމުގެ ފެހި ސިގްނަލް ލިބެމުންދާ ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެ އެވެ.
ސޯބެގެ ކެމްޕޭނުގެ އެންމެފަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް އިބޫ އާއި އެމްޑީޕީގެ ބައެއް އިސް ބޭފުޅުން ރޭ ވަނީ އައްޑުއަށް ވަޑައިގެންފަ އެވެ.
ސޯބެ ކެމްޕޭން ޓީމާއި ބައްދަލުކުރުމަށް ރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން އިބޫ ވިދާޅުވީ ވޭތުވެދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި ވަރަށް ބުރަކޮށް ކެމްޕޭން ޓީމުން މަސައްކަތްކޮށްފައިވާ ކަމަށާއި އެގޮތުން އިންތިހާބު ކާމިޔާބުކުރުމަށްޓަކާ ކުރަންޖެހޭ ހުރިހާ ކަމެއް ކެމްޕޭން ޓީމުން ކޮށްފައިވާ ކަމަށެވެ.
"ވޯޓުލުމުގެ ކުރިން ވެސް އިރާދަކުރެވިއްޔާ އަޅުގަނޑުމެންނަށް ކާމިޔާބުވާނެ ކަމުގެ ފެހި ސިގްނަލް ލިބޭތީ، ތި ހުރިހާ ބޭފުޅުން ތި ކުރެއްވި މަސައްކަތަށް ވަރަށް ބޮޑަށް ޕާޓީގެ ނަމުގަ އާއި އަޅުގަނޑުގެ އަމިއްލަ ނަމުގައި ޝުކުރު ދަންނަވަން،" އިބޫ ވިދާޅުވި އެވެ.
އިބޫ ވަނީ މި ގޮނޑި ނެގުމަށްޓަކާ ކޮށްދޭންޖެހޭ ހުރިހާ ކަމެއް ކޮށްދިނުމަށް އެމްޑީޕީ އޮތީ ތައްޔާރަށް ކަމަށާއި އެގޮތުން ކުރިއަށް ދެ ދުވަހުގެ ތެރޭގައި ވެސް ލީޑަޝިޕްގެ ހުރިހާ ބޭފުޅުން އެކީ ކެމްޕޭނުގެ މަސައްކަތުގައި ބައިވެރިވެގެން ކުރިއަށްދާނެ ކަމަށްވެސް ވިދާޅުވެފަ އެވެ.
ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ އެ ދާއިރާގެ މެންބަރަކަށް ހުންނެވި ޕީއެންސީގެ މުހައްމަދު ސިނާނަށް ދަރަނީގެ މައްސަލައެއްގައި ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމާ ގުޅިގެންނެވެ.
އެހެންވެ ދާއިރާ އަށް މެންބަރަކު ހޮވަން ބައި-އިލެކްޝަން ބާއްވަން ނިންމާފައި ވަނީ އަންނަ ހޮނިހިރު ދުވަހު އެވެ. މި ބައި-އިލެކްޝަންގައި ވާދަކުރައްވަނީ ސޯބެ އަދި ޕީއެންސީގެ ކެންޑިޑޭޓް އަހުމަދު ސައީދު (ސޮޑާ) އެވެ.