ރައީސް ޑރ. މުހައްމަދު މުއިއްޒަކީ ގައުމު އެދޭފަދަ ވަރުގަދަ ލީޑަރެއް ކަމަށް ވެރިކަން ކުރާ ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕް (ޕީޖީ)ގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މަޖިލިސް މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.
ފިޗްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިން މަތިކުރުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފަލާހު ވިދާޅުވީ ޤަޢުމާއި ހަވާލުވެވަޑައިގެންނެވިއިރު ސަލާމަތް ނުވާނެ ފަދަ ނުބައި ހާލަތަކަށް ކުރީގެ ވެރިކަން ކުރި ރައީސުން ގެންގޮސްފައި އޮތް ޤަޢުމެއް ދިވެހި ރައްޔިތުންނަށް އަނބުރާ ހޯއްދަވައިދެއްވީތީ ރައީސް މުޢިއްޒުއަށް މަރުހަބާ އާއި ޝުކުރު ދަންނަވާ ކަމަށެވެ.
"އަޅުގަނޑު ހިތަށްއަރާ ކުރީގެ ރައީސް ޔާމީނާއި، ރައީސް ނަޝީދު އާއި ރައީސް ސޯލިހު، މި ތިން ވެރިކަމުގައި ނަގާފައިވާ 1 ބިލިއަން ޑޮލަރަށް ވުރެ ބިޔަ ބޮޑު ދަރަނި މި ތިން ވެރިން ވެސް ނުދެއްކޭނެއޭ ހިތާ އުފަލުން ހޭން ތިއްބާ މާތްﷲގެ ރަޙްމަތްފުޅުން ދައްކާ ޚަލާސްކޮށް އަންނަން އޮތް ޖީލަށް މިޤަޢުމު ސަލާމަތްކޮށްދިނީތީ ހުރިހާ ދިވެހިލޮބުވެތި ރައްޔިތުން ރައީސް މުޢިއްޒުއާއި މި ސަރުކާރަށް ޝުކުރު އަދާކުރާ މިވަގުތުގައި މި ތިން ރައީސުން ވެސް ރައީސް މުޢިއްޒު އާއި މިސަރުކާރަށް ޝުކުރުގެ ބަހެއް ބުނެލާނެ ނަމައޭ،" ފަލާހު ވިދާޅުވި އެވެ.
ރައީސް މުއިއްޒަށް ތައުރީފު ކުރައްވަމުން ފަލާހު ވަނީ އެމަނިކުފާނަކީ މި ގައުމު އެދޭފަދަ ވަރުގަދަ ލީޑަރެއް ކަމަށްވެސް ވިދާޅުވެފަ އެވެ.
ފިޗުން ރާއްޖޭގެ ކްރެޑިޓް ރޭޓިން އެއް ދަރަޖަ މަތިކުރުމަށް ނިންމީ މި އަހަރުގެ އޭޕްރީލް މަހުގައި ރާއްޖެއިން ދައްކަން އޮތް ސުކޫކުގެ ދަރަނި ދެއްކުމާއެކު، ރާއްޖެއަށް ބޭރުގެ ދަރަނި އަދާނުކުރެވުމުގެ ނުރައްކާ ކުޑަވެފައިވާތީކަމަށް އެ އެޖެންސީން ބުނެފައިވެ އެވެ.
ސުކޫކުގެ ދަރަނި އެކީ ދައްކައި ހަލާސްކުރުމަކީ ރާއްޖެއަށް ލިބުނު ވަރަށް ބޮޑު ކާމިޔާބެއް ކަމަށާއި އޭގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެފައި ހުރި އިގުތިސާދީ އަދި މާލީ ބޮޑެތި ނުރައްކާތައް ވަރަށް ބޮޑަށް ކުޑަވެފައިވާ ކަމަށްވެސް ފިޗުން ބުންޏެވެ.