Last Updated: June 4, 09:56
Thursday, June 4, 2026
ޚަބަރު

ނަޝީދަށް ތާއީދުކުރަނީ އެމްޑީޕީގެ ކުރިމަގަށް ވިސްނާފައި

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވަނީ ޕާޓީގެ ކުރިމަގަށް ވިސްނާފައި ކަމަށް އައްޑޫ މީދޫ ދާއިރާގެ ކުރީގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެ އެވެ.

މި މަހު 12 ގައި ބާއްވާ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ނަޝީދުގެ އިތުރުން ދެން ވާދަކުރައްވަނީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރޮޒެއިނާ ވިދާޅުވީ މީގެކުރިން ނަޝީދާއި ދެކޮޅުވީ ޕާޓީ ރުޅާލާން އުޅުއްވުމުން ކަމަށާއި މިއަދު ނަޝީދަށް ތާއީދުކުރައްވަނީ ޕާޓީ އެއްކުރަން އުޅުމުން ކަމަށްވާއިރު މިއީ ވިސްނަން އެހާ އުނދަގޫ ކަމެއް ނޫން ކަމަށެވެ. ހާލަތު ބަދަލުވުމުން ދައްކާ ވާހަކަ ބަދަލުވާނެ ކަމަށާއި ވާހަކަ މީހުން ބިނާކުރަނީ އެއިރެއްގައި ހިނގާ ކަންކަމުގެ މައްޗަށް ކަމަށްވެސް ރޮޒެއިނާ ވިދާޅުވި އެވެ.

"ސިޔާސީ ދާއިރާގައި އުޅޭ މީހުންނަކީ ޒާތީ ރުޅިވެރިކަމެއްގައި އުޅެންޖެހޭ ބައެއް ނޫން. މި އުޅެނީ ހިތާ ވެގެން އުޅޭ މީހެއް ބޭވަފާތެރިވެގެނެއް ނޫން، އެކަން ހިތުގައި އަޅައިގެން ތާ އުމުރަށް އުޅޭކަށް،" ރޮޒެއިނާ ވިދާޅުވި އެވެ.

ރޮޒެއިނާ ވިދާޅުވި ގޮތުގައި އެމްޑީޕީގެ ކުރިމަގަށް ވިސްނާނަމަ މައާފުކޮށްފައި ކުރިއަށްދާން ފަސްޖެހޭކަށް ނުޖެހެ އެވެ. އެމްޑީޕީ އަށް ނަޝީދު ވެސް އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ބޭނުން ކަމަށާއި އެމްޑީޕީއަށް ރަނގަޅު މުސްތަގުބަލެއް އޮތީ އެންމެން އެކީ އެކަތިގަނޑަކަށް ވެގެން ކަމަށްވެސް ވިދާޅުވި އެވެ.

"ރޫޅާލަން އުޅުނީމަ އެކަކަށް ވެސް ވީ މޮޅެއް ނެތް. ދެން އެކަން ހިތުން ނުފިލައިގެން ހުއްޓިފައި ތިބެގެން ވެސް ވާން އޮތް މޮޅެއް ނެތް. ޒާތީ ނުވެ، ޖަޒުބާތުގައި ނުޖެހި، މި ޕާޓީގެ ކުރިމަގަށް ވިސްނާފައި ނިންމި ސިޔާސީ ނިންމުމެއް މިއީ،" ރޮޒެއިނާ ވިދާޅުވި އެވެ.

ރޮޒެއިނާ ވަނީ އެމްޑީޕީގެ ޗެއާޕާސަން ކަމަށް ނަޝީދު ކުރިމަތިލެއްވި ދުވަހު އިންތިހާބުގައި ވޯޓު ދެއްވާނެ ވާހަކަ އެމަނިކުފާނުގެ އަރިހުގައި ދެންނެވި ކަމަށާއި މިއީ މިއަދު ކުއްލިއަކަށް ނިންމި ކަމެއް ނޫން ކަމަށްވެސް ވިދާޅުވެފަ އެވެ.