Last Updated: June 4, 21:55
Thursday, June 4, 2026
ޚަބަރު

ދެން ވެރިކަމަކަށް ކުރިމައްޗެއް ނުލާނަން: ނަޝީދު

ވެރިކަމަށް ދެން ކުރިމައްޗެެއް ނުލައްވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މި މަހު ބާއްވާ އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ކުރައްވަމުން ގެންދަވާ ކެމްޕޭނުގެ ތެރެއިން އިއްޔެ ށ. ފޭދޫ އަށް ކުރެއްވި ދަތުރުގައި ނަޝީދު ވިދާޅުވީ ރާއްޖޭހެ ރައީސްކަމުގެ މަގާމާއި މަޖިލިސް ރައީސްކަމުގެ މަގާމުގެ އިތުރުން ބޭރުގެ ޖަމާއަތެއްގެ ސެކެޓްރީ ޖެނެރަލްކަމުގެ މަގާމުވެސް މިހާރު އަދާކުރެވިއްޖެ ކަމަށެވެ.

އެހެންވެ ދެން ވެރިކަން ކުރެއްވުމުގެ ޝައުގުވެރި ކަމެއް ކަމަށާއި ދެން ބޭނުންވެވަޑައިގަންނަވަނީ 2028 ގެ ރިޔާސީ އިންތިހާބަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ފަދަ ޒުވާން ޖީލަށް ފުރުސަތު ދެއްވައި، މުގުލުގައި ހުންނަވަން ކަމަށް ނަޝީދު ވިދާޅުވި އެވެ.

"ދެން ބުނަންތޯ ރައީސް ކަމަކީވެސް ވަރަށް ބުރަ ކަމެއް. އަނެއްކާ ރައީސްކަމުގެ ކެމްޕެއިން ނިމޭއިރުގައިވެސް މީހާއަށްވެސް ވަރަށް ގިނަ ވަރު ވެފައި ހުންނާނީ. ދެން އަޅުގަނޑުވެސް ވަރަށް ގިނަ ކަންތައް ކުރެވިއްޖެ މިހާރު. ރައީސްކަންވެސް ކުރެވިއްޖެ. މަޖިލިސް ރައީސްކަންވެސް ކުރެވިއްޖެ. ބައިނަލްއަގުވާމީ ޖަމާއަތެއްގެ ސެކެޓްރީ ޖެނެރަލްކަންވެސް ކުރެވިއްޖެ،" ނަޝީދު ވިދާޅުވި އެވެ. "ދެން އަޅުގަނޑު ހިތަށް ވަދެފައި މިވަނީ އަޅުގަނޑުމެންގެ ހަގު ޖެނެރޭޝަން، މިސާލަކަށް ފަޔާމެން އެއީ އަޅުގަނޑުމެންނަށްވުރެ ގާތްގަނޑަކަށް ހަތް އަހަރު، އަށް އަހަރު ހަގު. އެ މީހުންނާ އެކީގައި ދެން އަޅުގަނޑު އިންނާނަން މުގުލުގައި."

އެ މަނިކުފާނު ދެން އޮންނަ ރިޔާސީ އިންތިހާބެއްގައި ވާދަނުކުރައްވާނެކަމުގެ ޔަގީންކަން ދެއްވި އިރު، 2023 ގެ ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ފަރާތުން ނުކުންނަވާ ކެންޑިޑޭޓަކު ހޮވަމް ބޭއްވި ޕްރައިމަރީގައި ވާދަކުރެއްވި އެވެ. އެކަމަކު އެ ފަހަރު ޓިކެޓް ލިބިވަޑައިގަތީ އޭރު ރައީސަކަށް ހުންނެވި އިބްރާހީމް މުހައްމަދު ސޯލިހަށެވެ.

ނަޝީދު ރާއްޖޭގެ ވެރިކަން ކުރެއްވީ 2008-2012 އަށެވެ. އެހެންވެ ރިޔާސީ ދައުރުގެ ފަސް އަހަރު ފުރިހަމައެއް ނުކުރައްވަ އެވެ.

ނަޝީދަކީ ކުރިން ވެސް އެމްޑީޕީގެ ޗެއާޕާސަންކަމާއި ރައީސްކަން ވެސް ކުރެއްވި ބޭފުޅެކެވެ. އެ މަނިކުފާނު އަލުން ޗެއާޕާސަންގެ މަގާމަށް ވާދަކުރައްމުން ގެންދަވާ އިރު، އެ އިންތިހާބު އޮންނާނީ މި މަހުގެ 12 ގަ އެވެ.