ޒަމާނުއްސުރެ މިފްކޯ ހިނގަމުން އައި ގޮތަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް އެ ކުންފުނީގެ މިހާރުގެ ސީއީއޯ/އެމްޑީ މުޙައްމަދު އަނަސް ވިދާޅުވެއްޖެ އެވެ.
މިފްކޯގެ އެކި ސެންޓަރުތަކަށް ކުރައްވަމުން ގެންދަވާ ޒިޔާރަތުގެ ތެރެއިން ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް އަށް ކުރެއްވި ޒިޔާރަތުގައި މުވައްޒަފުންނާ ބައްދަލުކުރައްވައި އަނަސް ވިދާޅުވީ ތަޞައްވުރަކީ މިފްކޯ އަށް އިޞްލާޙީ ބަދަލުތަކެއް ގެނައުން ކަމަށެވެ. އަދި މިފްކޯ އަކީ ސައްތައިން ސައްތަ ސަރުކާރުގެ ހިއްސާ އޮންނަ ކުންފުންޏަކަށްވެފައި، ޒަމާނުއްސުރެ ކުންފުނި ހިނގަމުން އައި ގޮތަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭ ކަމަށް ވިދާޅުވި އެވެ.
އެގޮތުން ޒަމާނީ ކުންފުންޏަކަށް އެ ކުންފުނި ބަދަލުކުރުމުގެ މަސައްކަތް މިހާރު ވެސް އޮތީ ފެށިފައި ކަމަށް ވިދާޅުވި އެވެ.
އަނަސް ވިދާޅުވީ މިފްކޯގެ މުވައްޒަފުންގެ މުސާރައަށް ވެސް ހެޔޮ ބަދަލެއް ގެންނަންޖެހޭ ކަމަށް ގަބޫލު ކުރައްވާ ކަމަށާއި އެކަން ކުރެވޭނީ ކުންފުނީގެ އާމްދަނީ އިތުރު ކުރެވިގެން ކަމަށެވެ. އެހެންވެ މިފްކޯގެ މާލީ ގާބިލްކަން އިތުރު ކުރެވޭނެ ގޮތްތައް ހޯދުމަށް ވަރަށް ބޮޑަށް އިސްކަން ދެއްވާނެ ކަމަށް ވިދާޅުވި އެވެ.
“ހަމައެކަނި މަސް އެކްސްޕޯޓް ކުރުމުގެ ބަދަލުގައި އިތުރު އާމްދަނީ ލިބޭނެ ގޮތްތައް އަޅުގަނޑުމެން މިއަދު ހޯދަންޖެ ހޭ. މިގޮތުން މެނޭޖްމަންޓުން އެބަ މަސައްކަތް ކުރަން ކުންފުނީގެ އޮޕަރޭޝަން ޑައިވާސިފައި ކޮށް، އާ މާކެޓުތައް ހޯދައި، އަޅުގަނޑުމެންގެ އުފެއްދުންތަކަށް އަގު އެއްކުރާނެ އިތުރު ގޮތްތަކެއް ހޯދަން.” އަނަސް ވިދާޅުވި އެވެ.
އޭނަ ވިދާޅުވީ އެ ބަދަލުތަކުން ހެޔޮ ނަތީޖާތަކެއް ވެސް ފެންނާނެ ކަމަށެވެ. އަދި މިކަން ކާމިޔާބު ކުރުމަށްޓަކައި ހުރިހާ މުވައްޒަފުން ވެސް މަސައްކަތުގެ އަޚްލާޤު ހިފައްޓައި، ގުޅިގެން އެއް ޓީމެއްގެ ގޮތުގައި މަސައްކުރުމަށް އަނަސް އެދިވަޑައިގަތެވެ. އަދި މުވައްޒަފުންގެ ހުރި ކަންބޮޑުވުންތައް ދެނެގަނެ، އެކަންކަން ރަނގަޅު ކުރުމަށް މެނޭޖްމަންޓުން ވަރަށް އިސްކަން ދޭނެކަމުގެ ޔަގީންކަން ވެސް ދެއްވި އެވެ.
އޭނަ މިފްކޯގެ ވެރިޔަކަށް އައްޔަންކުރީ އެޕްރީލް 30 ގަ އެވެ.