ރާއްޖޭގެ ސިޔާސީ މައިދާނުގައި އެމްޑީޕީއަކީ ވަރުގަދަ ފަލްސަފާއަކާއި ރައްޔިތުންގެ ބޮޑު ތާއީދެއްގެ މައްޗަށް ބިނާވެފައިވާ ޕާޓީއެކެވެ. ނަމަވެސް، ރައީސް އިބްރާހީމް މުޙައްމަދު ސޯލިޙްގެ ފަސް އަހަރުގެ ދައުރަށް ނަޒަރު ހިންގާއިރު، ޕާޓީގެ ހިންގުންތެރިކަމާއި އަމާޒުތަކާ މެދު ގިނަ ސުވާލުތަކެއް ވަނީ އުފެދިފަ އެވެ. ޚާއްޞަކޮށް، ވެރިކަމުގެ ބާރު ލިބުމަށް ފަހު ޕާޓީގެ ޙަރަކާތްތަކަށް އައި މަޑުޖެހުމަކީ މިއަދު ފާހަގަ ކުރަން ޖެހޭ ހިތާމަވެރި ޙަޤީޤަތެކެވެ.
ރައީސް ސޯލިޙްގެ ވެރިކަމުގައި ޕާޓީގެ ރޫޙު ވަނީ އާދަޔާޚިލާފަށް ބަލިކަށިވެފަ އެވެ. އަތޮޅުތެރޭގައި ހުރި އެމްޑީޕީގެ ފަޚުރުވެރި ހަރުގެތައް ބަންދުވެ، ފަޅުވުމަކީ އޭގެ ހެއްކެކެވެ. ޕާޓީގެ އިޚްލާޞްތެރި މެމްބަރުން ބާކީވެ، ބައެއް މެމްބަރުން ޕާޓީން ވަކިކުރުމާއި، އެތެރޭގެ ބޮޑެތި ޚިޔާލުތަފާތުވުންތަކުގެ ސަބަބުން އާންމު މެމްބަރުން ތިބީ މާޔޫސްކަމެއްގެ ތެރޭގައެވެ. ހިތާމައަކީ، އެ ދުވަސްވަރު މި ހިތްދަތި ތަޖުރިބާތައް ކުރި ބައެއް ބޭފުޅުން މިއަދު އެ ހަނދާންތައް ނެތްކަމަށް ހަދައިގެން ތިއްބެވުމެވެ.
އުފެދޭ ސުވާލަކީ، ރައީސް ސޯލިޙްގެ ދައުރުގައި ޕާޓީގެ ދަފްތަރަށް މެމްބަރުން އިތުރުވިތޯ ނުވަތަ އަސްލު މެމްބަރުން ގެއްލި މަދުވީތޯއެވެ؟ ޕާޓީގެ ފޯރިގަދަ ޖަލްސާތަކާއި އާންމު މެމްބަރުންނާ ގާތުން ބައްދަލުކުރުމުގެ ސަގާފަތް އެ ދައުރުގައި މުޅިން ހީނަރުވެގެން ދިޔައެވެ. މުޅި ދައުރު ނިމުނުއިރު، ޕާޓީގެ ފެންވަރުގައި ބޭއްވުނު ބޮޑު އެންމެ ޖަލްސާއެއްވެސް ދެއްކޭކަށް ނެތެވެ. ޙަޤީޤަތަކީ ރައީސް ސޯލިޙް އިސްކަން ދެއްވީ ޕާޓީގެ ދިރުމަށްވުރެ ބޮޑަށް، އަމިއްލަފުޅު ސިޔާސީ މަސްލަޙަތުތައް ދެމެހެއްޓުމަށެވެ.
ކޮރަޕްޝަނާ ދެކޮޅަށް "ޒީރޯ ޓޮލަރެންސް" ގެ ސިޔާސަތެއް ގެންގުޅުއްވާނެކަމުގެ ވަޢުދާއެކު ވެރިކަމަށް ވަޑައިގެންނެވި ނަމަވެސް، ފެނިގެންދިޔައީ އުންމީދު ކުރި ފަދަ ނަތީޖާއެއް ނޫނެވެ. ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތައް އެޅިފައިވާ ފަރާތްތަކަށް ޖަވާބުދާރީ ކުރުވުމުގެ ބަދަލުގައި، ސަރުކާރުން ދީފައި ވަނީ ފުރިހަމަ އިތުބާރާއި ރައްކާތެރިކަމެވެ.
މިސާލަކަށް، ފެނަކަ ކޯޕަރޭޝަންގެ 2.2 ބިލިއަން ރުފިޔާގެ ބޮޑު ކޮރަޕްޝަނާއި، ދައުލަތުގެ އެކި ދާއިރާތަކުން ފާހަގަވި ނޭދެވޭ ހިންގުންތަކަށް ވަނީ ފުރުޞަތު ދީފައެވެ. މިއީ ޕާޓީން އަބަދުވެސް ވަކާލާތުކުރަމުން އައި އަސާސްތަކާ މުޅިން ފުށުއަރާ ކަންކަމެވެ.
ރައީސް ޞާލިޙް އެމްޑީޕީގެ ހިންގުން ހަރުދަނާކުރުމުގެ ބަދަލުގައި، ޕާޓީގެ އަސްލު މެންބަރުން ބާކީކުރައްވައި، ކޯލިޝަންގެ ބައިވެރިންގެ ރުހުން ހޯއްދެވުމަށް ބޮޑު އިސްކަމެއް ދެއްވިއެވެ. މީގެ ނަތީޖާއެއްގެ ގޮތުން، އެމްޑީޕީގެ ވަރުގަދަ އޮނިގަނޑު ބަލިކަށިވެ، ޕާޓީގެ ނުފޫޒު ކެނޑިގެން ދިޔައެވެ. މި ހުރިހާ ކަމެއްގެ ސަބަބުން ޕާޓީއަށް ލިބުނު ކުރިއެރުމެއް ނެތެވެ. ލިބުނުހާވެސް އެއްޗަކީ ބައިބައިވުމާއި އާންމު މެންބަރުންގެ އިތުބާރު ގެއްލުމެވެ. އެހެންކަމުން، ރައީސް ޞާލިޙްގެ ވެރިކަމަކީ އެމްޑީޕީގެ ތާރީޚުގައި ޕާޓީއަށް އެންމެ ބޮޑު ގެއްލުމެއް ލިބިގެންދިޔަ އެއް ދުވަސްވަރު ކަމުގައި ބުނުމަކީ ޙަޤީޤަތާ އެއްގޮތް ވާހަކައެކެވެ.
މީގެ އިތުރުން، 2012 ވަނަ އަހަރުގެ ވެރިކަން ބަދަލުވުމުގެ ހާދިސާއަކީ ބަޣާވާތެއްގެ ގޮތުގައި ޕާޓީން ދެކުނު ނަމަވެސް، އެކަމުގައި އިސްކޮށް އުޅުނު ފަރާތްތައް މިއަދު އެމްޑީޕީގެ ލީޑަރުންގެ ގޮތުގައި ފެނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. ރައީސް ސޯލިޙްގެ ސަރުކާރުގައި އެފަދަ ފަރާތްތައް ދައުލަތުގެ މަތީ މަޤާމުތަކުގައި ތިއްބެވިއިރު، ޕާޓީއަށްޓަކައި ގުރުބާނީތަކެއްވި އިޚްލާސްތެރި މެމްބަރުން ތިބެން ޖެހުނީ ބާކީވެފައެވެ. މިފަދަ ކަންކަމާ ހުރެ ޕާޓީގެ މަސައްކަތްތަކަށް ފޫހިވެ، އެއްކޮށް ޕާޓީއާ ދުރަށްދާން މަޖުބޫރުވެފައިވާ އެތައް މެންބަރުންނެއް މިއަދު އެބަތިއްބެވެ.
އެމްޑީޕީގެ އެތެރޭގައި މިއަދު އޮތީ ކުރީގެ ބޯދާ ސިޔާސީ ވިސްނުންތަކެވެ. ޕާޓީގެ ތެރެއިން މިފަދަ ފިކުރުތައް ބޭރުކޮށް، ޕާޓީ މިނިވަންކޮށްގެން މެނުވީ އެމްޑީޕީއަށް ކުރިއަށް ދެވޭނެ މަގެއް ނެތެވެ. އިޚްލާޞްތެރި މެންބަރުންގެ އަޑު އަހައި، ޕާޓީގެ އަސާސްތަކަށް ރުޖޫޢަވުމަކީ ރާއްޖޭގެ ޑިމޮކްރަސީގެ ޙައްޤުގައި މިއަދު ކުރަންޖެހިފައިވާ މަޖުބޫރު ކަމެކެވެ. ޕާޓީގެ އިސް ސަފަށް ރައީސް މުޙައްމަދު ނަޝީދު އަނބުރައި ގެންނަން ޖެހެނީ އެ މަޤްޞަދު ޙާޞިލު ކުރުމަށެވެ.