Last Updated: June 4, 23:58
Thursday, June 4, 2026
ޚަބަރު

ފައިނޭންޝަލް އެކްސްޕޯގައި ބައިވެރިވާން އިތުރު މުއްދަތެއް

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އެމްއެމްއޭ) ގެ މި އަހަރުގެ ފައިނޭންޝަލް އެކްސްޕޯގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

ކުރިން މި އެކްސްޕޯގައި ބައިވެރިވާން ދިން މުއްދަތު ވަނީ މި މަހުގެ 1 އަށް ހަމަވެފަ އެވެ. ނަމަވެސް މިހާރު ވަނީ މުއްދަރު އަންނަ ހޮނިހިރު ދުވަހާ އިތުރުކޮށްފަ އެވެ.

މަރުކަޒީ ބޭންކުން ބުނީ އެގޮތަށް ނިންމީ އެކްސްޕޯގައި ބައިވެރިވާން ބޭނުންވާ މުވައްސަސާތަކާއި އިދާރާތަކަށް ރަޖިސްޓްރީވުމަށް އިތުރު ވަގުތު ދިނުމުގެ ގޮތުން ކަމަށެވެ.

އިނޭންޝަލް އެކްސްޕޯ ބާއްވަން ނިންމާފައި އޮތީ އަންނަ މަހުގެ 2-4 އަށް ހުޅުމާލޭގަ އެވެ.

މި އެކްސްޕޯ އަކީ މާލީ ދާއިރާއަށް އާންމުން ހޭލުންތެރި ކުރުވުމަށާއި، މާލީ ހިދުމަތްދޭ ފަރާތްތަކާ އެއް ތަނަކުން ބައްދަލުކޮށް، އެ ފަރާތްތަކުން ފޯރުކޮށްދޭ ހިދުމަތްތަކާ ބެހޭ މައުލޫމާތު ހޯދުމުގެ ފުރުސަތު އާންމުންނަށް ފަހިކޮށް ދިނުމަށް އެމްއެމްއޭ އިން އިންތިޒާމުކުރާ އެކްސްޕޯއެކެވެ.

މީގައި ބޭންކުތަކާއި، އިންޝުއަރެންސް ކުންފުނިތަކުގެ އިތުރުން މާލީ އެހެނިހެން އިދާރާތަކަށް އެ ފަރާތްތަކުގެ ހިދުމަތްތައް ދައްކާލުމަށާއި ކަސްޓަމަރުންނާ ސީދާ ބައްދަލުކޮށް މައުލޫމާތު ބަދަލުކުރުމަށް ފުރުސަތު ލިބޭނެ އެވެ.

އެމްއެމްއޭ އިން ކުރިން 2015 އާއި 2017 ވެސް ފައިނޭންޝަލް އެކްސްޕޯ ބާއްވާފައިވެ އެވެ.