ބޮލީވުޑްގެ ކުރީގެ ތަރި ގޯވިންދާ ފިލްމީ ދާއިރާ އަށް ނެރުނު ޕްރޮޑިއުސަރު ޕެހްލާޖް ނިހަލާނީ މަރުވެއްޖެ އެވެ
މީޑިއާތަކުން ބުނީ އޭނަ މަރުވީ ބަލިވެ އުޅޭތާ ގިނަ ދުވަސްތަކެއް ފަހުން، ހާލު މިއަދު ކުއްލިއަކަށް ދެރަވެގެން މުމްބާއީގެ ނަނާވަތީ ހޮސްޕިޓަލްގައި އެޑްމިޓްކޮށް މިއަދު ފަރުވާ ވެސް ދީފައި ވަނިކޮށް ކަމަށެވެ.
ނިހަލާނީ މަރުވ އިރު، އުމުރަކީ 76 އެވެ.
އޭނަ އަކީ ކުރިން އިންޑިއާގެ ސެންސަރު ބޯޑުގެ ޗެއާމަންގެ މަގާމު ވެސް އަދާކުރި މީހެކެވެ.
ގޯވިންދާ ބޮލީވުޑަށް ތައާރަފުވީ ނިހަލާނީ ޕްރޮޑިއުސްކުރި 1986 ގެ ފިލްމު 'އިލްޒާމު' އިންނެވެ. ގޯވިންދާ އެންމެ ފަހުން ކުޅުނު ފިލްމަކީ ވެސް ނިހަލާނީގެ ފިލްމެކެވެ. އެއީ 2018 ގެ 'ރަންގީލާ ރާޖާ' އެވެ.
އޭނަ ޕްރޮޑިއުސްކުރި ފިލްމުތަކުގެ ތެރޭގައި 'އާގް ހީ އާގް'، 'ޝޯލާ އޯރް ޝަބްނަމް'، 'އާނކޭ'، 'އަންދާޒް'، 'ދިލް ތޭރާ ދީވާނާ' އަދި 'ޖޫލީ 2' ހިމެނެ އެވެ.