Last Updated: June 4, 21:55
Thursday, June 4, 2026
ޚަބަރު

ހައްޖާޖީން އެނބުރި އައިސް ސިއްހަތަށް ބެލުމަށް އެދިއްޖެ

ދިވެހި ހައްޖާޖީން މާދަމާ އެނބުރި އަންނަން ފަށާ އިރު، ރާއްޖެ އައިސް ބަލިތަކުން ރައްކާތެރިވާން ފިޔަވަޅުތައް އަޅަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު އެދިއްޖެ އެވެ.

އެތަނުން މިއަދު ވަނީ ހައްޖު ނުވަތަ އުމްރާއިން އެނބުރި އައުމަށް ފަހު، ބަލިތަކުން ރައްކާތެރިވާން އެޅިދާނެ ފިޔަވަޅުތައް ހިއްސާކޮށް އެވެ.

އޭގެ ތެރޭގައި – އަރިދަފުސް ރޯގާ ޖެހިއްޖެ ނަމަ ކެއްސައި، ކިނބިހި އަޅާއިރު އަނގަމައްޗާއި ނޭފަތް ނިވާކުރުމާއި- ޓިޝޫ ފަދަ ތަކެތި ބޭނުންކުރުމަށް ފަހު ރައްކާތެރިގޮތުގައި ނައްތާލުމާއި ގިނަގިނައިން ސައިބޯނި ލައިގެން އަތްދޮވުމާއި ދަތުރުމައްޗާއި ހައްޖު/އުމްރާ އަޅުކަމުގައި އުޅޭއިރު މާސްކު އަޅައިގެން އުޅުމާއި- ރޯގާ ޖެހި ކެއްސާ ނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުން. ހާއްސަކޮށް ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި ބަލިތައް ތަހައްމަލުކުރާ މީހުން ނުދިއުމާއ ރޯގާ ޖެހިފައިވާ ނަމަ ކުޑަކުދިން ކައިރިއަށް ނުދިއުން އަދި އެ ކުދިން އުރާ ނޫޅުމުގެ އިތުރަށް އަޅުކަމަށް ފަހު އެނބުރި ގައުމަށް އަންނަތާ 14 ދުވަސް ތެރޭގައި ހުން އައުމާއި ކެއްސުމާއި ނޭވާލާން އުނދަގޫވުމާއި މޭގައި ރިއްސުން ފަދަ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް އަވަހަށް ޑޮކްޓަރަށް ދެއްކުން ހިމެނެ އެވެ.

ހުން އައިސް ރޯގާ ޖެހިއްޖެ ނަމަ ގޭގައި ދެވޭނެ ފަރުވާތަކުގެ ތެރޭގައި ނަގިނައިން ދިޔާތަކެތި ބޭނުންކުރުމާއި އަރާމުކުރުމާއި ހުންގަދަ ނަމަ ގައިގައި ފެން ހޭކުމާއި ޕެރެސެޓަމޯލް ފިޔަވައި އެހެން ބޭހެއް ޑޮކްޓަރެއްގެ މަޝްވަރާއާ ނުލާ ބޭނުން ނުކުރުން ހިމެނެ އެވެ.

ހައްޖާޖީން އެނބުރި އަންނާނީ ހަތަރު ދުވަސްމަތިންނެވެ. ރާއްޖެ އިން މި އަހަރު 1،019 މީހުން ހައްޖަށް ދިޔަ އެވެ.