އެސްއެމްއީ ޑިޖިޓަލް އިން ދޫކުރާ ލޯނުތަކަށް ފައިސާ ދެއްކުން ފަސޭހަ ކުރުމުގެ ގޮތުން، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާ ގުޅިގެން އޮޓޮމެޓިކުން ފައިސާ ކެނޑޭ ނިޒާމެއް ތައާރަފުކޮށްފި އެވެ.
އެ އާ ނިޒާމުގެ ދަށުން، ލޯނަށް ފައިސާ ދައްކަން ޖެހޭ ތާރީހުގައި ކަސްޓަމަރުންގެ ބޭންކު އެކައުންޓުން އޮޓޮމެޓިކުން އިންސްޓޯލްމަންޓް ކެނޑޭނެއެވެ.
އެސްއެމްއީ ޑިޖިޓަލް އިން ބުނީ މި ބަދަލުގެ މައިގަނޑު މަގުސަދަކީ އިދާރީ މަސައްކަތްތައް މަދުކުރުމާ އެކު، ގަވާއިދުން ފައިސާ ދެއްކުމަށް މަގުފަހިކޮށްދީ ކަސްޓަމަރުންގެ ކްރެޑިޓް ރޭޓިން ރަނގަޅު ކުރުން ކަމަށެވެ.
މި ހިދުމަތް ފުރަތަމަ ފޯރުކޮށް ދޭން ފަށާނޫީ އާންމު ލޯނުތަކުން އިސްލާމިކް ފައިނޭންސިންއަށް ބަދަލުވި ކަސްޓަމަރުންނަށެވެ. ނަމަވެސް، ކުރިއަށް އޮތް ތަނުގައި އެ ކުންފުނީގެ ހުރިހާ ކަސްޓަމަރުންނަށް ވެސް މި ނިޒާމުގެ ތެރެއިން ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށް އެސްއެމްއީ ޑިޖިޓަލް އިން ބުންޏެވެ.
މިކަމާ ގުޅޭ ގޮތުން އެތަނުގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވީ މި ބަދަލަކީ ޑިޖިޓަލް ނިޒާމުގެ ހަރުދަނާކަމާއި ކަސްޓަމަރުންނަށް ލުއިފަސޭހަ ގޮތްތައް ހޯދައިދިނުމަށް އިސްކަންދީގެން ގެނައި ބަދަލެއް ކަމަށާއި ފައިސާ ދެއްކުމުގެ މަރުހަލާ މިހާރަށް ވުރެ ހަރުދަނާވެ، ކަސްޓަމަރުންނަށް ވަގުތު ސަލާމަތް ކުރެވޭނެ ކަމަށެވެ.
އެސްއެމްޑީ ޑިޖިޓަލް އަކީ ބީއެމްއެލްގެ ސަބްސިޑަރީއެކެވެ. އެތަނުން އަންނަނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފަސޭހައިން މާލީ އެހީތެރިކަން ފޯރުކޮށް ދިނުމަށްޓަކައި ޑިޖިޓަލް ޕްލެޓްފޯމްތައް މެދުވެރިކޮށް ގިނަ ހިދުމަތްތަކެއް ތައާރަފު ކުރަމުންނެވެ.