އަންނަ އަހަރުން ފެށިގެން އަޟްޙާ ޢީދާއި ފިޠުރު ޢީދު ފާހަގަކުރުމަށްޓަކައި ހާއްސަ ޕްލޭނެއް އެކުލަވައިލން ނިންމައިފި އެވެ.
އިސްލާމިކް މިނިސްޓަރު ޑރ.މުޙައްމަދު ޝަހީމު އަލީ ސައީދު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ 1448 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަކަރަކު ވެސް އީދުތައް ފާހަގަކުރުމާ ބެހޭ ގޮތުން މިނިސްޓްރީން ހާއްސަ ޕްލޭނެއް އެކުލަވައިލުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
އޭނަ ވިދާޅުވި ގޮތުގައި މިޕްލޭނަކީ މާލެ އާއި އަތޮޅުތަކުގައި އީދު ފާހަގަކުރުމާ ގުޅޭ ހާއްސަ ޕްލޭނެކެވެ. އެގޮތން އެ ޕްލޭނުގެ ދަށުން އީދު ފާހަގަކުރުމުގެ ކަންކަން ހުރިހާ ހިސާބެއްގައި ވަކި އުސޫލުތަކެއްގެ ތެރެއިން އިންތިޒާމުކުރެވިގެން ދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
.ޝަހީމު ވިދާޅުވީ އެ މަސައްކަތް ރޭވުމުގެ މަސައްކަތް ކުރަނީ އެ ވުޒާރާގެ ހާއްސަ ކޮމިޓީއަކުން ކަމަށާއި މިހާރު ކޮމިޓީން މަސައްކަތް ފަށާފައިވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި މި ޕްލޭނުގެ ދަށުން އީދު ފާހަގަކުރުމުގެ ކަންކަން ރާވައި ހިންގާނީ ރަށްރަށުގެ ކައުންސިލުތަކާ މަޝްވަރާކޮށްގެންނެވެ. އަދި އެ ހަރަކާތްތައް ރޭވުމުގައި އަތޮޅުތަކުގައި މަސައްކަތްކުރާ އިސްލާމީ ހިދުމަތް ދޭ މަދަނީ ޖަމްއިއްޔާތައް ބައިވެރިކުރުމަށް ވެސް ޕްލޭނުގައި ހިމަނާނެ އެވެ. މީގެ އިތުރުން ސިޓީތަކުގައި އީދު ފާހަގަކުރުމަށް ހާއްސަ ހަރަކާތްތަކެއް ހިންގުމަށް ރޭވިގެންދާނެ ކަމަށް ވެސް ޝަހީމު ވަޒީރު ވިދާޅުވިއެވެ.
އެކަން އިންތިޒާމުކޮށް ކުރިއަށް ގެންދަން ގަސްތުކުރައްވަނީ ހެރިޓޭޖް މިނިސްޓްރީއާ ގުޅިގެން ކަމަށް ވެސް ޝަހީމު ވިދާޅުވިއެވެ.
އީދު ފާހަގަކުރަން މިނިސްޓްރިން ހާއްސަ ޕްލޭނެއް އެކުލަވައިލަން ނިންމި އިރު، އިސްލާމް ދީނާ ފުށުއަރާ ގޮތަށް އީދު ފާހަގަ ކުރުމުގެ ކަންކަން މި ފަހަކަށް އައިސް ވަރަށް ބޮޑަށް އިތުރުވަމުންދާ ކަމަށް ގިނަ ބަޔަކު ބުނެ އެވެ. އެހެންވެ އީދުގެ މުނާސަބާ ފާހަގަކުރުމުގައި އިސްލާމީ ސަގާފަތާ ހިލާފު ކަންކަން ނުހިންގުމަށް ސަރުކާރުން ތަކުރާރުކޮށް އިލްތިމާސް ވެސް ކުރެ އެވެ.