Last Updated: June 4, 21:55
Thursday, June 4, 2026
ޚަބަރު

ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާއެއް ބާއްވަނީ

ރާއްޖެ އިސްލާމްވީތާ 900 އަހަރުވާ މުނާސަބަތާއެކު، ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާއެއް ބާއްވަން ނިންމައިފި އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު ވިދާޅުވީ އެ މަހާސިންތާގައި ބައިވެރިވެވަޑައިގަތުމަށް މައްކާގެ ޙަރަމްފުޅުގެ އިމާމު ފަޟީލަތުއްޝައިޚު ޑރ ޔާސިރް އައްދައުސަރީ އަށް ދަޢުވަތު ވެސް ދެއްވާފައިވާ ކަމަށެވެ.

އޭނަ ވިދާޅުވީ، އަތޮޅުތަކުގައި ތިބި ޒުވާން ޚަޠީބުންނަށް މި މަހާސިންތާ އަށް މާލެ އައުމުގެ އިންތިޒާމްތައް މިނިސްޓްރީން ހަމަޖެއްސުމަށް މަސައްކަތް ކުރާނެ ކަމަށެވެ. އަދި މިއީ ދިވެހިރާއްޖޭގެ ކުރިއަށް އޮތް އިސްލާމީ ޤަރުނަށް، ރާއްޖޭގެ އިސްލާމީ ޝިޢާރު ފާޅުކުރުމުގެ އިސްދައުރު އަދާކުރާނެ ޒުވާން ޚަޠީބުންނާއި ޙާފިޒުންނަށް މުހިންމު މުނާސަބަތަށްވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އިސްލާމިކް މިނިސްޓްރީން ތަމްރީންކުރާ 1،000 ޒުވާން އިމާމުންނާއި ޚަޠީބުންގެ އިތުރުން ޒުވާން ޙާފިޒުން މަހާސިންތާގައި ބައިވުމުގެ އިންތިޒާމް ހަމަޖައްސާނެ އެވެ. މިނިސްޓަރު ޝަހީމު ވަނީ ޒުވާން ޚަޠީބުން މަހާސިންތާއަށް މިހާރުން ފެށިގެން ތައްޔާރުވުމަށް އިލްތިމާސް ވެސް ކުރައްވައިފަ އެވެ.

މަހާސިންތާގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މި މަހުގެ ތެރޭގައ ހުޅުވައިލާނެ އެވެ.

މިވަގުތާ ހަމައަށް ރާއްޖޭގެ ޙާފިޒުންގެ ދަފްތަރު 307 ޙާފިޒުންނަށް ވަނީ އަރާފައިވާއިރު، ޒުވާން ޚަޠީބުންގެ މި ވަގުތުގެ އަދަދަކީ 532 އެވެ.

ސެޕްޓެމްބަރު މަހުގެ ކުރިން އަމާޒުކޮށްފައިވާ 1،000 ޚަޠީބުން ހަމަވާނެކަމަށް ޝަހީމު ވިދާޅުވެފައިވެ އެވެ.