Last Updated: June 5, 22:30
Friday, June 5, 2026
ރިޕޯޓް

ޝައްކުތަކާއި ނަފްސަށް އިތުބާރު ކުޑަވުމުގެ މައްސަލަ!

ސުވާލު:

އަޅުގަނޑަކީ މުސްލިމް ޒުވާނަކީމެވެ. ދީނީ ކަންކަމަށް ސަމާލުކަންދީ، އިލްތިޒާމުވާން ފެށިތާ ގާތްގަނޑަކަށް އަހަރަކަށް ވުރެ ގިނަ ދުވަސްވެއްޖެއެވެ. ނަމަވެސް، ހިތުގެ ބަލިތަކާ ގުޅުން ހުރި މައިގަނޑު ދެ މައްސަލައަކާ އަޅުގަނޑު ކުރިމަތިލާން ޖެހިފައިވެ އެވެ.

ފުރަތަމަ ކަމަކީ: ދީނާ މެދު ހިތުގައި އުފެދޭ ޝައްކުތަކެވެ.
ދެވަނަ ކަމަކީ: ވަށައިގެންވާ މީހުންނާ މެދު ހިތުގައި އުފެދޭ މާ ބޮޑު ނުތަނަވަސްކަމާއި އިޙްސާސްތަކެވެ. މިސާލަކަށް: އަޅުގަނޑަށް އަންހެން ކުއްޖަކު ދެކެ ލޯބިވެވިދާނެއެވެ. އަދި އެކުއްޖާ ފެންނަ ކޮންމެ ފަހަރަކު ހިތަށް ބޮޑު އަސަރެއް ކުރެއެވެ. އަނެއް މިސާލަކީ: ބައެއް މީހުންދެކެ ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި އިންތިހާއަށް ލޯބިވެވި، އެމީހުންނާ އެއްގޮތްވާން (ތަޤްލީދުކުރަން) މަސައްކަތް ކުރެވެއެވެ. މިއީ ހަމަޔަޤީނުން ވެސް އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ކުޑަކަމުން ދިމާވާ ކަމެކެވެ. މިކަންކަމަކީ ދީނަށް އުޅުމުގެ ކުރިންވެސް ކުރިމަތިވި ކަންކަމަށް ވީނަމަވެސް، މިހާރު މިކަންކަން ހައްލުކުރުން އަޅުގަނޑަށް ވަރަށް މުހިންމެވެ.

އަޅުގަނޑުގެ ދީންވެރި ކަމަށް އޮންނަ އިތުބާރު ބަދަހިކޮށް، އަޅުގަނޑު މިހުރީ ހަމަ މަގުގައިކަން ޔަޤީންކުރާނީ ކިހިނެއްތޯއެވެ؟ އަދި އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ވަރުގަދަކޮށް، އުނިކަމުގެ އިޙްސާސްތަކުން ސަލާމަތްވާނީ ކިހިނެއްތޯއެވެ؟

ޖަވާބު:

الحمد لله والصلاة والسلام على رسول الله، وبعد:

އެންމެ ފުރަތަމަވެސް އަޅުގަނޑުމެން ތިބާއަށް ދޭން ބޭނުންވާ ޔަޤީންކަމަކީ، ތިޔަ ތަހައްމަލުކުރާ ވަގުތީ އިޙްސާސްތަކުގެ ސަބަބުން ތިބާގެ ދީންވެރިކަމަށާއި އިލްތިޒާމަށް އެއްވެސް އުނިކަމެއް ނާންނާނެކަމެވެ. މާތްﷲ އެފަދަ ކަންކަމަށް މީހުންނާ ސުވާލެއް ނުކުރައްވާނެއެވެ. ހިތަށް އަރާ ވަސްވާސްތަކާއި ޚިޔާލުތަކަކީ މާތްﷲ މާފުކޮށްދެއްވާފައިވާ ކަންތައްތަކެއް ކަމުގެ އުފާވެރި ޚަބަރު ރަސޫލާ صلى الله عليه وسلم ވަނީ ދެއްވާފައެވެ. އަބޫ أبو هريرة رضي الله عنه ގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. (إِنَّ اللَّهَ تَجَاوَزَ عَنْ أُمَّتِي مَا حَدَّثَتْ بِهِ أَنْفُسَهَا، مَا لَمْ تَعْمَلْ أَوْ تَتَكَلَّمْ به) މާނައީ: "ހަމަކަށަވަރުން، ތިމާގެ ނަފްސަށް އަންނަ އުނދަގޫ ޚިޔާލުތަކާއި ވަސްވާސްތައް، އެކަމަކަށް އަމަލުނުކުރާހާ ހިނދަކު ނުވަތަ އެއާ ބެހޭގޮތުން ވާހަކަ ނުދައްކާހާ ހިނދަކު، މާތްﷲ ތިމަންކަލޭގެފާނުގެ އުންމަތުގެ މީހުންނަށް މާފުކޮށް ދެއްވައިފިއެވެ." (روى البخاري (5269) ، ومسلم (127)

ހަމައެއާއެކު، ތިޔަފަދަ އިޙްސާސްތަކަކީ އެއީ ޝައްކުތައް ކަމުގައިވިޔަސް ނުވަތަ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ކުޑަވުން ކަމުގައިވިޔަސް ތިޔަ އުމުރުގެ ޒުވާނުންނަށް ދިމާވުން އެކަށީގެންވާ ޠަބީޢީ ކަންކަމެވެ. ޒުވާންކަމުގެ ކުރީކޮޅަކީ އާންމުކޮށް ނަމޫނާ ޝަޚްޞިއްޔަތުތަކެއް ހޯދުމަށް މަސައްކަތްކުރާ އަދި ކާމިޔާބު މީހުންގެ ވާހަކަތަކާ މެދު ފުންކޮށް ވިސްނާ ދުވަސްވަރެކެވެ. އެހެންކަމުން، އެހެން މީހެއްގެ ކިބައިން ކާމިޔާބީގެ ކިތަންމެ ކުޑަ މިންވަރެއް ފެނުނަސް، އެ މީހަކަށް ހިތްލެނބި، އެމީހަކު ނަމޫނާއަކަށް ބަލައިގެން އުޅެން ބޭނުންވެއެވެ. ނަމަވެސް އުމުރުން ދުވަސްވެ، ދިރިއުޅުމުގެ ތަޖުރިބާތައް އިތުރުވަމުންދާ ވަރަކަށް، އަމިއްލަ ފިކުރާއި އިޚްތިޔާރުތަކުގައި މިނިވަންކަން ލިބި، ނަފްސާނީ ހަމަޖެހުން ލިބެން ފަށާނެ އެވެ. އިންޝާ، ކުރިމަގުގައި ތިބާ މި ދުވަސްތަކަށް ބަލާލާނީ ފާއިތުވެ ގޮސްފައިވާ މާޒީގެ ޞަފުޙާއެއްގެ ގޮތުގައެވެ.

އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބަދަހިކުރުމަށްޓަކައި ތިރީގައިވާ ކަންކަމަށް އަމަލުކުރުމަށް އަޅުގަނޑުމެން ލަފާދެމެވެ.

ފުރަތަމަ: ދިރިއުޅުމުގައި ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިތައް ކަނޑައަޅައި، އެކަންކަން ހާސިލުކުރާނެ ރޭވުމެއް (ޕްލޭނެއް) އެކުލަވައިލާށެވެ. އެއީ ވަޒީފާގެ ދާއިރާއިން ކަމުގައިވިޔަސް، ތަޢުލީމީ ނުވަތަ ވިޔަފާރީގެ ދާއިރާއިން ކަމުގައިވިޔަސް މެއެވެ. ދިރިއުޅުން ރޭވުންތެރިކަމާއެކު ކުރިއަށް ގެންދިއުމަކީ ކާމިޔާބީގެ މައިގަނޑު ސަބަބެވެ. އޭރުން ތިބާގެ ވަގުތުތައް އަމިއްލަ ކުރިއެރުމަށް ހުސްވެ، އެހެން މީހުންނާ މެދު ވިސްނުމަށް ހޭދަކުރާ ވަގުތު މަދުވާނެއެވެ.
ދެވަނަ: އިސްލާމީ ތާރީޚާއި ދުނިޔޭގެ ތާރީޚުގައި ފާހަގަކޮށްލެވޭ އިލްމުވެރިންނާއި، އިމާމުންނާއި، އިޞްލާޙީ މަސައްކަތްތެރިންގެ ސިޔަރަތު ގިނައިން ކިޔާށެވެ. މިފަދަ ބޮޑެތި ޝަޚްޞިއްޔަތުތަކުގެ ވާހަކަތައް ކިޔުމުން، ކުދިކުދި ކާމިޔާބީތަކަށް ހިތްލެނބޭ މިންވަރު ކުޑަވެ، ހިތްވަރުގަދަ މީހުންނަށް އޮންނަ ބޮޑު ކިޔަމަންތެރިކަން ކުޑަވާނެއެވެ.
ތިންވަނަ: ތިބާގެ ކިބައިގައި ހުރި ފާހަގަކޮށްލެވޭ ރަނގަޅު ސިފަތަކަށް ސަމާލުކަންދީ، އެކަންކަން ތަރައްޤީކުރާށެވެ. އެހެން މީހުންނާ އަޅާކިޔައި އުނިކަމުގެ އިޙްސާސް ކުރެވޭ ހިނދު، މާތްﷲ ތިބާއަށް ދެއްވާފައިވާ ނިޢުމަތްތަކާއި ރަނގަޅު ސިފަތައް ހަނދާންކުރާށެވެ. ކޮންމެ އިންސާނެއްގެ ކިބައިގައިވެސް އެހެން މީހުން ތައުރީފުކުރާ ފަދަ ރީތި ސިފަތަކެއް ވެއެވެ.
ހަތަރުވަނަ: މާތްﷲ ދެކެވާ ލޯބި އިތުރުކޮށް، އެކަލާނގެއަށް ބަރޯސާވުން ވަރުގަދަކުރާށެވެ. ޚާލިޞް އަޅަކީ މާތްﷲ ފިޔަވައި އެހެން އެންމެހާ ފަރާތްތަކުގެ އަޅުވެތިކަމުން މިނިވަންވެފައިވާ މީހާއެވެ. އޭރުން އެހެން މީހުންނަށް ހިތުގައި އޮންނާނީ ހަމައެކަނި ލޯތްބާއި އިޙްތިރާމެވެ. މިއީ މަތިވެރި މަޤާމެކެވެ. މި މަޤާމަށް ވާޞިލުވެވޭނީ ގިނަގުނަ މަސައްކަތުންނެވެ.
ފަސްވަނަ: ނަފްސާނީ ދުޅަހެޔޮކަމާއި، މީހުންނާ މުޢާމަލާތުކުރުމުގެ ހުނަރުތައް ތަރައްޤީކުރުމާ ގުޅޭ ކޯސްތަކާއި ވޯކްޝޮޕްތަކުގައި ބައިވެރިވުން ރަނގަޅެވެ. އަދި ބޭނުން ޖެހިއްޖެ ހިނދެއްގައި ނަފްސާނީ މާހިރެއްގެ ލަފާ ހޯދުމަކީވެސް ކުރެވިދާނެ ކަމެކެވެ. ސަބަބަކީ ކުރިމަތިލައިގެން ވާހަކަދެއްކުމުން، ދުރުގައި ހުރެގެން ނުފެންނަ ކަންތައްތަކެއް ފާހަގަ ކުރެވިދާނެތީ އެވެ. والله أعلم

ނޯޓް: މިއީ ޑރ. މޫސާ އަންވަރު ހަސަންގެ ލިޔުއްވުމެކެވެ.