Last Updated: June 4, 21:55
Thursday, June 4, 2026
ޚަބަރު

ފެނަކައިގެ ހުރިހާ މުވައްޒަފުންގެ ކުށުގެ ރެކޯޑް ސާފުކުރަނީ

ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގައި ވަޒީފާ އަދާ ކުރާ ހުރިހާ މުވައްޒަފުންގެ އެންމެ ފަހުގެ ކުށުގެ ރެކޯޑް ސާފުކުރުމަށްފަހު ފޮނުއްވުމަށް އެ ކުންފުނީގެ މުވައްޒަފުންނަށް އަންގައިފި އެވެ.

ފެނަކައިން ނެރުނު މެމޯއެއްގައި ބުނެފައިވަނީ، ކުންފުނީގެ ހުރިހާ ޑިޕާޓްމަންޓްތަކާއި ބްރާންޗްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ އެންމެ ފަހުގެ ކުށުގެ ރެކޯޑް ނުވަތަ ޕޮލިސް ރިޕޯޓް ބޭނުންވާ ކަމަށެވެ. އެގޮތުން، އަންނަ ބުރާސްފަތި ދުވަހުގެ ރަސްމީގަޑި ނިމުމުގެ ކުރިން ހުރިހާ މުވައްޒަފުންގެ ރެކޯޑްތައް ހޯދައި، ކުންފުނީގެ ހެޑް އޮފީހަށް ފޮނުވަން ޖެހޭނެ ކަމަށް އެ މެމޯގައި ބަޔާންކޮށްފައިވެ އެވެ.

ފެނަކައިން މުވައްޒަފުންގެ ކުށުގެ ރެކޯޑް ސާފުކުރަން މި ފެށީ، އެ ކުންފުނީގެ އާ މެނޭޖްމަންޓުން ކުންފުނި ހިންގުމުގެ ޚަރަދު ކުޑަކުރުމަށާއި، މުވައްޒަފުންގެ އަދަދު މަދުކޮށް "ރައިޓް ސައިޒް" ކުރުމަށް މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގަ އެވެ.

ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން، ފެނަކަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު އަފީފު ހުސައިން ވިދާޅުވީ، ކުންފުނިން މީހުން މަދުކުރުމުގެ މަސައްކަތުގެ ދަށުން، ހެޑް އޮފީހާއި އަތޮޅުތަކުގެ ބްރާންޗުތަކުގައި ތިބެން ޖެހޭ މުވައްޒަފުންގެ އަދަދު ކަނޑައެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މި ބަދަލުތަކުގެ ދަށުން އަތޮޅުތަކުގެ ފެނަކަ ބްރާންޗުތައް މިހާރު ވަނީ ހަތަރު ގިންތިއަކަށް ބަހާލާފައެވެ. އެންމެ މަތީ ގިންތިއަކީ ސިޓީތަކުގެ ބްރާންޗުތަކެވެ. އެއަށްފަހު 1000 އަށް ވުރެ ގިނަ ކަސްޓަމަރުން ތިބޭ ބްރާންޗުތަކާއި، 500 އާއި 1000 އާ ދެމެދު ކަސްޓަމަރުން ތިބޭ ބްރާންޗުތަކުގެ އިތުރުން 300 އާއި 500 އާ ދެމެދު ކަސްޓަމަރުން ތިބޭ ބްރާންޗުތައް ވަނީ ގިންތިކޮށްފައެވެ. އެންމެ ކުޑަ ބްރާންޗުތަކުގެ ގޮތުގައި ކަނޑައަޅާފައިވަނީ 300 އަށް ވުރެ މަދު ކަސްޓަމަރުންނަށް ޚިދުމަތްދޭ ތަންތަނެވެ.