އައްޑޫ ސިޓީ ލިންކް ރޯޑު ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ތެރެއިން، މަގު ފުޅާކުރުމާއި އިތުރު ލޭންތައް ތަރައްގީކުރުމަށް ބޮޑު ސަރަހައްދެއް ސާފުކޮށްފި އެވެ.
މި މަސައްކަތް ހަވާލުކޮށްފައިވާ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ބުނީ ލިންކް ރޯޑް ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ތެރެއިން، މަގު ފުޅާކުރުމަށާއި އިތުރު ލޭންތައް ތަރައްޤީކުރުމަށްޓަކައި މިހާތަނަށް ޖުމްލަ 4،120 މީޓަރުގެ ސަރަޙައްދެއް ސާފުކޮށްފައިވާ ކަމަށެވެ.
މި މަސައްކަތުގެ ތެރެއިން، އެ ސަރަޙައްދުގައި ހުރި ރުއްތަކާއި ގަސްތައް، އެހެން ތަންތަނަށް ބަދަލުކުރުމަށްޓަކައި ނަގަމުންދާ ކަމަށްވެސް އާރްޑީސީން ބުންޏެވެ.
ވަރަށް ބޮޑަށް ހަލާކުވެފައިވާތީ އައްޑޫ ލިންކް ރޯޑް އަލުން ތަރައްގީ ކުރަން މި ސަރުކާރުން އާރްޑީސީއާ ހަވާލުކުރީ މިދިޔަ އަހަރުގެ އެޕްރީލް 8 ގަ އެވެ. އަދި އެ މަޝްރޫއު ރަސްމީކޮށް އިފުތިތާހުކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 5 ގައި އައްޑު އަށް ކުރެއްވި ދަތުރުގަ އެވެ.
އާރްޑީސީއާ ލިންކް ރޯޑް ތަރައްގީ ކުރަން ހަވާލުކުރީ 2028 ގެ ކުރިން ނިންމާ ގޮތަށެވެ. އެގޮތުން ލިންކް ރޯޑްގެ ޖުމްލަ 12.3 ކިލޯމީޓަރުގެ ސަރަހައްދެއް ހަދާނެ އެވެ. އަދި އައްޑޫގެ ކުރިން ކުރިއަށް ގެންދިޔަ މަގު ހެދުމުގެ މަޝްރޫއުގެ ތެރެއިން ނެހެދި ހުރި މަގުތަކާއި ސީޓީބީ އަޅާފައިވާ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ތެރެއިން ކުރިއަށް ގެންގޮސް 67.58 ކިލޯމީޓަރުގައި ތާރު އަޅަން އޮތީ ނިންމައިފަ އެވެ.