Last Updated: June 4, 21:55
Thursday, June 4, 2026
ޚަބަރު

ފުރަތަމަ ފަސް މަހު ބީއެމްއެލްއިން 345 މިލިއަން ޑޮލަރު ވިއްކައިފި

ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމަށާއި ރާއްޖެއިން ބޭރުންކުރާ ކާޑުގެ މުއާމަލާތްތަކަށް މި އަހަރުގެ ފުރަތަމަ ފަސް މަސް ދުވަސް ތެރޭގައި 345 މިލިއަން ޑޮލަރު ވިއްކާފައިވާ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހާމަކޮށްފި އެވެ.

ބީއެމްއެލް އިން މިއަދު އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު ވިޔަފާރިތަކަށް، ރާއްޖެއިން ބޭރުން މުދާ ގެނައުމަށް މި އަހަރުގެ މޭ މަހުގެ ނިޔަލަށް 147 މިލިއަން ޑޮލަރު ވިއްކާފައިވެ އެވެ.

ޑެބިޓްކާޑާއި ކްރެޑިޓްކާޑުގެ މުއާމަލާތްތަކަށް މި އަހަރުގެ މޭ މަހުގެ ނިޔަލަށް 198 މިލިއަން ޑޮލަރު ވިއްކާފައިވާ ކަމަށްވެސް ބީއެމްއެލް އިން ވަނީ ބުނެފަ އެވެ.

ބީއެމްއެލް އިން ބުނި ގޮތުގައި ފާއިތުވި މަހުގެ ނިޔަލަށް 45،764 ޓީޓީއަށް ބޭރު ފައިސާގެ އެހީ ފޯރުކޮށްދިނެވެ. އަދި ކާޑުން ރާއްޖެއިން ބޭރުގައި ހިންގި 3.1 މިލިއަން ޓްރާންސެކްޝަނަށް ޑޮލަރު ވިއްކި ކަމަށްވެސް ބީއެމްއެލް އިން ބުންޏެވެ.

މީގެ އިތުރުން މި އަހަރުގެ މޭ މަހުގެ ނިޔަލަށް ޔޫއެސް ޑޮލަރު ނެޓް އޯޕަން ޕޮޒިޝަން (އެންއޯޕީ) އެމްއެމްއޭގެ ގަވާއިދުން ލާޒިމުކުރާ މިންގަނޑުގެ ތެރޭގައި ހިފަހައްޓާފައިވާކަން ހާމަކޮށް ބީއެމްއެލް އިން ބުނީ ބޭންކަށް ގަނެފައިވާ ޑޮލަރަށްވުރެ އިތުރަށް 69 މިލިއަން ޑޮލަރު ވިއްކިފައިވާ ކަމަށެވެ.

ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމަށާއި ރާއްޖެއިން ބޭރުންކުރާ ކާޑުގެ މުއާމަލާތްތަކަށް ފާއިތުވި 2025 ވަނަ އަހަރު ބީއެމްއެލް އިން ޖުމްލަ 566 މިލިއަން ޑޮލަރު ވިއްކާފައިވެ އެވެ.