Last Updated: June 7, 06:04
Sunday, June 7, 2026
ޚަބަރު

ރައީސް މުއިއްޒަށް އައްޑުއަށް ވަޑައިގަންނަވަން ކެރިވަޑައިނުގަތް

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން އެމްޑީޕީއަށް ކާމިޔާބު ވެފައިވާ ކަމަށާއި މި އިންތިހާބުގެ ކެމްޕޭނަށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް އައްޑުއަށް ވަޑައިގަންނަން ކެރިވަޑައިނުގެންނެވި ކަމަށް އެ ގޮނޑިއަށް އެމްޑީޕީން ވާދަ ކުރައްވާ އައްޑޫގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) މިރޭ ވިދާޅުވެއްޖެ އެވެ.

ކެމްޕޭން ނިންމުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަމުން ސޯބެ ވިދާޅުވީ ވާދަވެރި ކެންޑިޑޭޓަކަށް މޫނަށް އަދި އަމަލުތަކަށް ބެލި ނަމަވެސް މި އިންތިހާބު އެމްޑީޕީން ބޮޑުތަނުން ކާމިޔާބުކޮށްފައިވާކަން ހާމަވެގެންދާ ކަމަށެވެ.

"އެކަން ހަމަ ޝައްކެއް ނެތި އެބަ އެނގޭ. އަދި އެންމެ ބޮޑަށް ޔަގީންވާ ކަމަކީ، ރައީސް މުއިއްޒުއަށް ކެރިވަޑައިނުގަތް މި ރަށު ވަޑިފަތި ޖޯއްޔެއްގައި ޖައްސާލުމަށް ވެސް މި އިންތިހާބު ކާމިޔާބުކޮށްދޭން،" ސޯބެ ވިދާޅުވި އެވެ.

"އެހެންވީމަ، މި ބުނަނީ މި އިންތިހާބު އަޅުގަނޑުމެން މި ތިބީ ބޮޑުތަނުން ކާމިޔާބުކޮށްގެން ކަމަށް،" ސޯބެ ވިދާޅުވި އެވެ.

ސޯބެ ވިދާޅުވީ ދާއިރާގެ ހުރިހާ ގެއަކަށާއި ހުރިހާ ކެފޭއަކަށް ވަޑައިގެންނެވި ކަމަށާއި މާލެ އަދި ހުޅުމާލޭގައި އުޅޭ ދާއިރާގެ ރައްޔިތުންނާ ބައްދަލުކުރެއްވިއިރު،
600އަށް ވުރެ ގިނަ ދާއިރާގެ ރައްޔިތުންނާ ފޯނުން ވެސް ވާހަކަދެއްކެވި ކަމަށެވެ.

"އެ ހުރިހާ ކަމަކުން އެނގުނު ކަމަކީ، އެންމެން ތިބީ 6 ވަނަ ދުވަސް ނުޖެހިގެން ވޯޓުލާން ތައްޔާރަށް،" އޭނާ ވިދާޅުވި އެވެ.

ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ އެ ދާއިރާގެ މެންބަރަކަށް ހުންނެވި ޕީއެންސީގެ މުހައްމަދު ސިނާނަށް ދަރަނީގެ މައްސަލައެއްގައި ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމާ ގުޅިގެންނެވެ.

އެހެންވެ ދާއިރާ އަށް މެންބަރަކު ހޮވަން ބައި-އިލެކްޝަން ބާއްވަން ނިންމާފައި ވަނީ އަންނަ ހޮނިހިރު ދުވަހު އެވެ. މި ބައި-އިލެކްޝަންގައި ވާދަކުރައްވަނީ ސޯބެ އަދި ޕީއެންސީގެ ކެންޑިޑޭޓް އަހުމަދު ސައީދު (ސޮޑާ) އެވެ.