ސަރުކާރު ހިންގާ ޕީއެންސީ ދޫކޮށްލަން މަޖިލިސް މެންބަރުންތަކެއް ތައްޔާރަށް އެބަތިބި ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ އަބްދުﷲ ސޯދިގު (ސޯބެ) ގެ ކެމްޕެއިން ނިންމުމަށް މިރޭ ބޭއްވި ޖަލްސާގައި ސޯލިހު ވިދާޅުވީ މީގެ ދެ ދުވަސް ކުރިން ޕީއެންސީގެ މަޖިލިސް މެންބަރެއް ގުޅުއްވައި އޭނާއާއެކު އިތުރު މެންބަރުންތަކެއް ސަރުކާރު ޖަވާބުދާރީ ކުރުވަން ޕީއެންސީ ދޫކޮށްލަން ތައްޔާރަށް ތިބިކަން ހާމަކުރައްވާފައިވާ ކަމަށެވެ.
"އަޅުގަނޑަށް ދެ ދުވަސް ކުރިން ގުޅި ޕީއެންސީގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް. ތިމަންނައާ އެކީގައި އެބަ ތިއްބޭ މިތައް މިތައް މެންބަރުން. މިއީ ހަމަ ސަރީހު ތެދު ވާހަކައެއް އަޅުގަނޑު މިދައްކަނީ. މިވަގުތުވެސް މިތިބީ ޕީއެންސީ ދޫކޮށްފައި ނިކުމެ މި ސަރުކާރު ޖަވާބުދާރީކުރުވަން މަސައްކަތްކުރަން ތައްޔާރަށޭ،" ސޯލިހު ވިދާޅުވި އެވެ.
ސޯލިހު ވިދާޅުވީ ޕީއެންސީގެ މަޖިލިސް މެންބަރު އެދިވަޑައިގެންނެވީ ޕީއެންސީ ދޫކޮށްލުމާއެކު މަޖިލިސް ގޮނޑި ގެއްލުމުން، އެ ގޮނޑިއަށް އަނބުރާ އިންތިހާބު ކުރުމަށް އެމަނިކުފާނުގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން މަސައްކަތް ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވުމަށް ކަމަށެވެ.
"އަޅުގަނޑު ކައިރީގައި ވިދާޅުވި ތިމަންނަމެންނަށް ޔަގީންކަމެއް ތިޔަބޭފުޅުން ދެއްވަބަލާށޭ. އެ އިޝާރާތްކުރީ އަޅުގަނޑަށާއި ރައީސް ނަޝީދަށާއި ރައީސް ޔާމީނަށް. ތި ތިން ބޭފުޅުން މަސައްކަތެއް ފައްޓަވައިފީމެއް ނުންހޭ. ތިމަންނަމެން ޕާޓީ ދޫކޮށްފައި ނުކުތީމާ، ގޮނޑި ގެއްލުނީމާ އެ ގޮނޑި ތިމަންނާމެންނަށް ހޯދައިދިނުމަށް އަޅުގަނޑުމެން ތިން މީހުން މިއަދު އެއްބަސްވިޔަސް ތިމަންނަމެން މިތިބީ މި ސަރުކާާރު ޖަވާބުދާރީކުރުވަން ތައްޔާރަށޭ،" ސޯލިހު ވިދާޅުވި އެވެ.
ސޯލިހު ވަނީ ރައްޔިތުންގެ މަޖިލިސް ތިލަފަތަށް ބަރުވަމުން އަންނަ ކަމަށާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވާފަދައިން މި އަހަރު ނިމުމުގެ ކުރިން ރައީސް ޑރ. މުހައްމަދު މުއިއްޒު ޖަވާބުދާރީ ކުރުވުން ނޫނީ އެހެން ނޫނީ ޖެހޭނީ ވެރިކަން ދޫކުރައްވައި ގެއަށް ވަޑައިގަންނަވަން ކަމަށްވެސް ވިދާޅުވެފަ އެވެ.