ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ހުސްވެފައިވާ ގޮނޑި އަށް ޕީއެންސީގެ ފަރާތުން ވާދަކުރައްވާ އަހުމަދު ސައީދު (ސޮޑާ) އަށް ދޭ ވޯޓު ބޭކާރު ނުވާނެ ކަމަށް ފަންނާއި، ސަގާފަތާއި ތަރިކައާ ބެހޭ މިނިސްޓަރު ހީނާ ވަލީދު ވިދާޅުވެއްޖެ އެވެ.
ސޮޑާގެ ކެމްޕޭން އިވެންޓެއްގައި ރޭ ވާހަކަދައްކަމުން ހީނާ ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައި އައްޑޫއަށް ވަރަށް ގިނަ ކަންތައްތަކެއް ކޮށްދިނުމަށް ނިންމާފައި އެބަހުރި ކަމަށާއި މިއަދު ބޭނުން ވަނީ މި ކަންތައްތަކަށް އެއްބާރުލުން ދޭނެ މެމްބަރެއް ކަމަށެވެ. އެގޮތުން ހިތަދޫ އުތުރު ދާއިރާގެ ގޮނޑި މީގެކުރިން ފުރުއްވި މުހައްމަދު ސިނާންގެ ފަރާތުން އެ އެއްބާރުލުން ލިބުނު ކަމަށާއި އޭގެ ނަތީޖާ ދާއިރާއިން ވެސް ފެންނަމުންދާ ކަމަށް ހީނާ ވިދާޅުވި އެވެ.
ހީނާ ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ވެސް މި ރަނުގެ ފުރުސަތު ނަގާ ނުލައި ހިތަދޫ އުތުރު ދާއިރާއަށް ބޭނުންވާ ކަންކަން ހަގީގަތަކަށް ހެދުމަށް ސަރުކާރާއި އެކީގައި މަސައްކަތް ކުރާނެ މެމްބަރެއް ކަމަށެވެ.
"ސޮޑާއަށް ދެއްވާ ވޯޓަކީ ބޭކާރު ވޯޓަކަށް ނުވާނެ. ތިބޭފުޅުންގެ ތަރައްގީއަށް، ތިބޭފުޅުންގެ ލާބައަށް، އައްޑޫ މުޅި ސިޓީއަށް މުސްތަގުބަލަށްޓަކާ މިއަދު އެޅިގެންދާނެ ވަރަށް މުހިއްމު ބިންގަލެއް،" ހީނާ ވިދާޅުވި އެވެ.
މާދަމާ ބާއްވާ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ސޮޑާގެ އިތުރުން ދެން ވާދަކުރައްވަނީ އެމްޑީޕީގެ ކެންޑިޑޭޓް، އައްޑޫގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) އެވެ.