އައްޑޫ ސިޓީގެ ތަރައްގީއަށް ކަމެއް ކޮށްދިނީ އެމްޑީޕީން އެކަނި ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ އަބްދުﷲ ސޯދިގު (ސޯބެ) ގެ ކެމްޕެއިން ނިންމުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ އައްޑޫގައި އެމްޑީޕީގެ ސަރުކާރަކުން ފިޔަވައި ތަރައްގީގެ ނުވަތަ އިޖުތިމާއީ ކަމެއް ކުރެވިފައި އޮތްތަނެއް ނުފެންނާނެ ކަމަށާއި އެގޮތުން ދޮށީ އުމުރުގެ މީހުން، އެކަނިވެރިން މައިން އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެލަވަންސެއް ދިނީ އެމްޑީޕީން ކަމަށެވެ.
އަދި އެންމެ ކުޑަ އުޖޫރަ ކަނޑައަޅައި، ބޭސް ސިޓީއަށް ސަލާން ޖެހުމާއި ފޮތް ލިސްޓަށް އާދޭސް ކުރުން ހުއްޓުވީ އެމްޑީޕީން ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.
"އައްޑޫ ސިޓީގައި މި ވާ ހުރިހާ އުމްރާނީ ތަރައްގީއަކީ އެއީ އިތުރު ބައެއްގެ އެއްޗެއް ނޫން،، އެމްޑީޕީގެ އެއްޗެއް،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވި ގޮތުގައި، ރާއްޖެ މިއޮތީ ދަރަނީގެ ދުންފަތް މަތީގައި ކަމަށާއި މަޖިލީހަށް އިންތިހާބު ކުރަން ޖެހެނީ މި ވަމުންދާ ގޮތް ވެސް އެނގޭ، ތަންދޮރު ފިލާފައި ހުރި، ދުނިޔޭގެ އާޖުފާޖު އެނގޭ މީހެކެވެ. އަދި އެ މީހަކީ ސޯބެ ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.
"މަދަރުސާއަށް ވެސް ގޮސްލާ އުޅުނު ބޭފުޅެއް. މިސާލަކަށް ޑެޓް ސަސްޓެއިނަބަލް އެނަލިސްއެކޭ ބުނީމަ، ނޭނގޭ މީހަކު އެތަނަށް ފޮނުވާނެ ކަމަށް އަޅުގަނޑު ދުވަހަކު ވެސް ގަބޫލެއް ނުކުރާނަން،" ނަޝީދު ވިދާޅުވި އެވެ.
ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ އެ ދާއިރާގެ މެންބަރަކަށް ހުންނެވި މުހައްމަދު ސިނާނަށް ދަރަނީގެ މައްސަލައެއްގައި ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމާ ގުޅިގެންނެވެ.
އެހެންވެ ދާއިރާ އަށް މެންބަރަކު ހޮވަން ބައި-އިލެކްޝަން ބާއްވަން ނިންމާފައި ވަނީ މާދަމާ އެވެ. މި ބައި-އިލެކްޝަންގައި ވާދަކުރައްވަނީ ސޯބެ އަދި ޕީއެންސީގެ ކެންޑިޑޭޓް އަހުމަދު ސައީދު (ސޮޑާ) އެވެ.