Last Updated: June 7, 06:04
Sunday, June 7, 2026
ޚަބަރު

މި ސަރުކާރު ނިމޭއިރު އައްޑު އޮންނާނީ ހަރާބުވެފައި

މި ސަރުކާރު ނިމޭއިރު އައްޑޫ ސިޓީ އޮންނާނީ ހަރާބުވެފައި ކަމަށް އައްޑޫގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ އަބްދުﷲ ސޯދިގު (ސޯބެ) ގެ ކެމްޕެއިން ނިންމުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ނިޒާރު ވިދާޅުވީ މި ސަރުކާރަށް ދެ އަހަރުވެގެންދިޔައިރު ވެސް އައްޑޫ ލިންކު ރޯޑު މައްސަލައަށް ހައްލެއް ހޯދައި ނުދެވުނު ކަމަށާއި މި ސަރުކާރަށް އައްޑޫއަށް ކޮށްދިން އަދި ކޮށްދެވޭނެ ކަމެއް ވެސް ނެތް ކަމަށެވެ.

"ސަރުކާރަކަށް ލިންކު ރޯޑު ނެހެދޭނެ، ދެ އަހަރު ނިމިދާއިރު ވެސް ހާލެއްގައި ޖައްސާނީ. މި ސަރުކާރު ނިމޭއިރު އައްޑޫ އޮންނާނީ ހަރާބުވެފައި، ކުނިވެފައި،" ނިޒާރު ވިދާޅުވި އެވެ.

ނިޒާރު ވިދާޅުވީ 2028 ގައި އެމްޑީޕީ އަލުން ވެރިކަމަށް ގެނެވޭނެ ކަމަށް ވަރަށް ޔަގީންކުރައްވާ ކަމަށާއި އޭރުން އައްޑުގެ ހުރިހާ ކަމެއް ޖެހޭނީ އަލުން ފަށަން ކަމަށެވެ. އެމްޑީޕީގެ ސަރުކާރުގައި ފެށި ބައެއް ޕްރޮޖެކްޓުތައް ނިމިގެން ހަވާލުކުރުމާ ހިސާބަށް ގޮސްފައިވާއިރު، އެއްވެސް ކަމެއް ޕްރޮޖެކްޓުގައި ނިންމަން ބުނިގޮތަށް ނިންމާފައި ނުވާއިރު، އެ ކަންކަން ބަލާނެ މީހަކު ވެސް ނެތް ކަމަށް ނިޒާރު ވިދާޅުވި އެވެ.

މި ސަރުކާރަށް ވުރެ ނުކުޅެދޭ ސަރުކާރެއް ފެނިފައި ނުވާ ކަމަށާއި މިއީ ކޮށްފައި ހުރި ކަމެއް ވެސް ނިންމަން ނޭނގޭ ސަރުކާރެއް ކަމަށް ނިޒާރު ވިދާޅުވި އެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅު ހުރިހާ މުޅިން އެހެން ދިމާލެއްގައި ކަމަށާއި ޕީއެންސީގެ ކެންޑިޑޭޓަކު އިންތިހާބުކޮށްގެން އިތުރު ބާރުތަކެއް ސަރުކާރަށް ދޭންޖެހޭ ސަބަބެއް ނެތް ކަމަށްވެސް މޭޔަރު ވިދާޅުވި އެވެ.